އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ރައީސް ނަޝީދުގެ އަރިހުގައި
އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ރައީސް ނަޝީދުގެ އަރިހުގައި
އައްޑޫގެ ވިސްނުމަކީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މި މޭރުމުން އައްޑޫގެ ރައްޔިތުންނަށް ތަޢުރީފުކޮށް ވާހަކަފުޅު ދައްކަވާފައި މިވަނީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ހޫނު ބަހުސްތަކެއް ހިނގަމުންދާ ދަނދިވަޅެއްގަ އެވެ. އެކަމާއި ގުޅިގެން އައްޑޫގެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ. ނަމަވެސް އައްޑޫ މޭޔަރ ޢަލީ ނިޒާރާއި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ އިންޑިއާގެ އެނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ޚިޔާލުތަފާތުވުން ބޮޑުވެފައިވާ އައްޑޫ ކޮންސިއުލޭޓްގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. އަދި އެއީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް ކަމަށާއި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ސަބަބުން އައްޑޫއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



އޭގެ އިތުރުން ޓްވިޓަރ ގައި ރައީސް ނަޝީދު ބޭނުންކުރައްވާކަމަށް ތުހުމަތު ކުރެވޭ އެލެކްސް އަޙްމަދުގެ ޓްވިޓަރ އެކައުންޓުން މިއަދު ވަނީ އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ޤާއިމްކޮށްފިނަމަ ލިބޭނެ ބައެއް ފައިދާތައް ހިއްސާ ކޮށްފައެވެ. އެގޮތުން އެކަމުގެ ސަބަބުން ފޮރިން ޕްރައިވެޓް އިންވެސްޓްމަންޓްތައް ފަހިވާނެ ކަމަށާއި، ސަބަބަކީ ބޭރުގެ އިންވެސްޓަރުންނަށް އެމީހުންގެ ކަންކަން ގާތުން ބަލާނެ ބަޔަކު ތިބި ކަމުގެ ޔަޤީންކަން ލިބިގެން ދިއުންކަމަށް އެލެކްސް ބުނެފައިވެއެވެ. އަދި ޕްރައިވެޓް ސެކްޓަރގެ އިންވެސްޓްމަންޓް އިތުރުކުރެވިއްޖެނަމަ ވަޒީފާތައް އިތުރުވާނެ ކަމަށާއި، އައްޑޫ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވާނެ ކަމަށް އެލެކްސް ބުނެފައިވެއެވެ.

އެލެކްސް އިތުރަށް ބުނީ، އައްޑޫ އާއި އީސްޓް އެފްރިކާ ދަތުރުފަތުރުން ގުޅުވާލުމަށް އިންޑިއާއަށް ވުރެ ރަނގަޅު މަގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި ވީނަމަވެސް އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ހުޅުވުމަށް އަދި ދިވެހި ސަރުކާރުން ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކި ފަރާތްތަކުން ވެސް ދަނީ ކޮންސިއުލޭޓެއް އެޅުމުން އައްޑޫ ސިޓީ ތަރައްގީވާނެ ކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން