ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި ރައީސް ނަޝީދު (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި ރައީސް ނަޝީދު (ވ)
ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނަށް ދެމުންގެންދާ ސަލާމަތާ ރައްކާތެރިކަން ފޫއަޅުވާލި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ހުރަސްނާޅާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، އެ އިންކުއަރީއަށް ރައީސް ޞާލިޙް ހުރަސް އަޅުއްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވި ނަމަވެސް އެހަމަލާގެ އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް ހަމަރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންނަމަވެސް ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ދިފާއީ ބާރުން ނެރުނު ބަޔާނަކީ ގާނޫނުގައި އޮތްގޮތުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ބަޔާނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އަމާޒު އެހެން ދިމާއަކަށް ފޯކަސް ކުރަން އުޅޭތަން ފެންނަ ކަމަށާއި އެއްވެސް ބަޔަކު އެގޮތަށް އެމަސައްކަތް ނުކުރެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، އެ ޙަމަލާގެ އިންކުއަރީއަށް ސަރުކާރުގެ އެއްވެސް ދިމާލަކުން ހުރަސް އަޅަމުން ނުދާކަން 241 ކޮމިޓީގެ މުޤައްރިރުވެސް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދާއި ވަކި ވަކި ފުލުހުންގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ދަޢުލަތުގެ އެކި މަޤާމުތަކުގައި ކުރިން ޚިދުމަތްކުރެއްވި ބައެއް ބޭފުޅުންވެސް ވަނީ ހާޟިރުވެ ކޮމިޓީން އޮޅުން ފިލުއްވަން ބޭނުންވި މަޢުލޫމާތުތައް ޙިއްސާ ކުރަށްވާފައެވެ.

މި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރަން ބޭނުންވާ ސިފައިންނާއި ފުލުހުންނަށްވެސް އެފުރުސަތު ކޮމެޓީން ވަނީ ހުޅުވާލައިފައެވެ. މެއި 6 ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އެ ހާދިސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވެފައިވެއެވެ.

241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން