ރައީސް ނަޝީދު ޙަމަލާއަށް ފަހު ޖަރުމަނުގައި
ރައީސް ނަޝީދު ޙަމަލާއަށް ފަހު ޖަރުމަނުގައި
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަޙުޤީޤުގެ މިސްރާބު ބަދަލުކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވަރަށް ނުރައްކާތެރި އަދި ވަރަށް ބިރުވެރި ހަމަލާއެއް ކަމަށެވެ. އަދި އެފަދަ ދެވަނަ ޙަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިވަގުތު އެންމެންގެވެސް އަމާޒު ހުންނަން ޖެހޭނީ މައްސަލައިގެ އަޑި ހޯދައި ފަންޑުކުރި މީހުންވެސް ދެނެގަތުމަށް ކަމަށެވެ. ނަމަވެސް ބޮޑަށް ފެންނަނީ އެކަމުން ނެއްޓި އެހެން ދިމާލަކަށް އަމާޒު ހިފިގެން ދާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށްގެން ވާހަކަ ދައްކަމުންގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް ކަންތައްތައް އެބަދޭ. އެހެން ނުހެއްދެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، އެ ޙަމަލާގެ އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، ސަރުކާރުގެ އެއްވެސް ދިމާލަކުން އެ މައްސަލައިގެ އިންކުއަރީއަށް ހުރަސް އަޅަމުން ނުދާކަން 241 ކޮމިޓީގެ މުޤައްރިރުވެސް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދާއި ވަކި ވަކި ފުލުހުންގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ދަޢުލަތުގެ އެކި މަޤާމުތަކުގައި ކުރިން ޚިދުމަތްކުރެއްވި ބައެއް ބޭފުޅުންވެސް ވަނީ ހާޟިރުވެ ކޮމިޓީން އޮޅުން ފިލުއްވަން ބޭނުންވި މަޢުލޫމާތުތައް ޙިއްސާ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން