ޑރ މުޙައްމަދު އިޔާޒް
ޑރ މުޙައްމަދު އިޔާޒް
ތިމާ ގޯސްމަގަކުން ދާކަމަށްވަނީނަމަ ހެޔޮމަގު ދައްކުވައިދޭނެފަދަ ރަޙްމަތްތެރިން އިޚްތިޔާރު ކުރުމަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާއި ގުޅިގެން އެބިލަށް ދެކޮޅުހައްދަވައި ޑރ. އިޔާޒް ވަނީ އެ ބިލް އަނބުރާ ގެންދެވުމަށާއި، މަޖިލީހުގެ ނިޒާމުގެ ތެރެއިން އެބިލް ބޭރުކުރުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލަށްވަމުންނެވެ.

އެގޮތުން މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުބުނެވުނު ނަމަވެސް ލާދީނީ މީހަކާ ދިމާލަށް އެއީ ލާދީނީ މީހެކޭ ބުނެވޭނެ ކަމަށާއި، އެއީ ހުއްޓުވޭނެ ކަމެއް ނޫންކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެބިލްގެ ދިފާޢުގައި ވާހަކަ ދައްކަވާ ފަރާތްތަކަށް ނަސޭޙަތްތެރިވަމުން ޑރ. އިޔާޒް ވިދާޅުވީ، ތިމާ ކުރާހާ ކަމެއް ރަގަޅުވިޔަސް ގޯސްވިޔަސް ރަގަޅު ކަމަށް ބުނަނީ ޙަގީގީ ރަޙްމަތްތެރިންނެއް ނޫން ކަމަށެވެ. އަދި ހެޔޮ މަގުގެ ބަދަލުގައި ނުބައިމަގު ދައްކުވައިދެނީވެސް ޙަގީގީ ރަޙްމަތްތެރިންނެއް ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



ޑރ. އިޔާޒް މި މޭރުމުން ވިދާޅުވެފައި ވާއިރު، އެބިލުގައި ހުރި ބައެއް ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް ޑރ. އިޔާޒް ނިސްބަތްވާ ޢަދާލަތު ޕާޓީންވަނީ ބިލަށް ތާޢީދު ނުކުރާކަން ހާމަކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ޢަދާލަތު ޕާޓީއާ މަޝްވަރާކުރެވިގެން ހުށަހަޅާފައިވާ ބިލެއްކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ދޮގު މައުލޫމާތެއް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރުން ހުށައެޅި މިބިލު މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލުގެ ބަހުސްގައި އެމްޑީޕީ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ބިލް މިހާރުއޮތްގޮތުން އިތުރު ފިތުނަތަކެއް އުފެދިދާނެ ކަމަށްބުނެ ކޮމިޓީމަރުޙަލާގައި ބިލު އިސްލާޙު ކުރުމަށް ގޮވާލާފައެވެ.

މި ބިލުގައި ވަނީ، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން