އައްޑޫ ސިޓީ
އައްޑޫ ސިޓީ
އިތުރު 7 މީހުންނާއި އެކު، އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 396 އަށް އަރައިފިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 187 ސާމްޕަލްގެ ތެރެއިން 7 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި، މިހާތަނަށް ޖުމުލަ 396 މީހަކު އައްޑޫން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 302 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އައްޑޫގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ.

މިހާރު ބަލިޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު 92 އަށް އަރާފައިވާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. މިހާތަނަށް އައްޑޫ ސިޓީއިން މި ބަލީގައި 2 މީހަކު ނިޔާވެފައިވެއެވެ.

އައްޑޫގެ ރަށްތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކޯވިޑް ފެތުރެމުންދަނީ ހިތަދޫގައެވެ. މިހާތަނަށް ހިތަދޫން 89 މީހުން ޕޮޒިޓިވް ވެފައިވާއިރު، މަރަދޫން ދެމީހުން އަދި ފޭދޫއިން އެކަކު ޕޮޒިޓިވްވެފައިވެއެވެ. ހިތަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މިހާރުވަނީ އެއް ހަފްތާގެ މުއްދަތަށް ރަށް ލޮކްޑައުން ކޮށްފައެވެ. މީގެ އިތުރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހުއްދައަކާ ނުލައި ރަށުގައި ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާއިރު، ކޮންމެ ގޭބީސީއަކަށް ވެސް ބޭރަށް ނުކުންނަށް ދޫކުރަނީ ދެފާހެވެ. އެ ދެފާސް ދޫކުރަނީ ދެ ގަޑިއަކަށް ބަހާލައިގެން ހަމައެކަނި ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމަށެވެ.

މީގެ އިތުރުން، ދަނޑުވެރިންނަށާއި މަސްވެރިން އެމީހުންގެ މަސައްކަތަށް ނުކުމެވޭ ގޮތަށް ވަނީ ޚާއްޞަ ވަކި ފާހެއް ދޫކުރަން ވަނީ ނިންމާފައެވެ. އަދި ވަޒީފާއަށް ދާންޖެހޭ ފަރާތްތަކަށް ވަޒީފާއަށް ދާންޖެހޭ ގަޑިތަކުގައި ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ފާސް ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ކެފޭ ރެސްޓޯރަންޓުތަކުން ޑެލިވަރީގެ ޚިދުމަތް ފިޔަވާ އެހެން ޚިދުމަތްތައް ނުދެވޭ ގޮތަށް ކަނޑައަޅާފައިވާއިރު، މާލެ ސަރަހައްދެކޭ އެއްގޮތަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ކަސްރަތުކުރުމަށް ނުކުމެ އުޅެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ހިތަދޫގައި ކޮވިޑް-19ގެ ހާލަތު މިހާ ގޯސްވެފައި ވަނީ ބިދޭސީންގެ ބޮޑު ކްލަސްޓަރއެއް އުފެދިގެންކަމަށް ވެސް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން