މާލޭގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ޙާދިސާ
މާލޭގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ޙާދިސާ
ބުރާސްފަތިދުވަހު ރޯވި ލޯންޗްތަކުގެ ތެރޭގައި ބޮންގޮއްވި މީހުންނާއެކު ހިފެހެއްޓި ލޯންޗް ނުހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ ދެކުނު ފަރާތު ހާބަރު، މޭރީ ބްރައުން ކުރިމަތީގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯވެގެންނެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ 6:45 އެހާކަންހާއިރުއެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 6 ލޯންޗަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ބުރާސްފަތި ދުވަހު ރޯވި ލޯންޗްތަކުގެ ތެރޭގައި ރައީސް ނަޝީދަށް ޙަމަލާދިނުމަށް ބޮންގޮއްވާލުމުގައި ބައިވެރިވިކަމަށް ފުލުހުން އިއުލާނުކޮށްފައިވާ އަދުހަމާއި ތަހުމީން ދަތުރުކުރި ލޯންޗު ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ، އަލިފާން ރޯވި ލޯންޗުތަކުގެ ތެރޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، 6 މެއި 2021ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 1 ވަނަ ދުވަހު މެރިން ޕޮލިސްއިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި މީހެއްކަމުގައި މެރިން ޕޮލިސްއިން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަޙުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދުވެސް ހުރިކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ލޯންޗް ހުއްޓުވީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން އެ ލޯންޗުގެ ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ހުޅުމާލެ ފަޅުތެރެއިންކަމަށެވެ. އަދި ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށްފަހު ލޯންޗު ދޫކޮށްލިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެކަމާއި ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށެވެ.

ފުލުުހުން ކަނޑުމަތިން ހުއްޓުވި ލޯންޗުގައި ތިބީ ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ތެރެއިން ބޮން ގޮއްވާލިކަމަށް ތުހުމަތުކުރާ އަދުހަމް އަހުމަދާއި، ބޮން ހަރުކުރި ސައިކަލްގެ ވެރި ފަރާތްކަމަށްވާ ތަހުމީން އަހުމަދެވެ. މި ދެމީހުންގެ އިތުރުން، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ލ.ގަން ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން