ކްރިސްޓަން އެރިކްސަން
ކްރިސްޓަން އެރިކްސަން
ޔޫރޯ 2020 ގައި ފިންލޭންޑާއި ދެކޮޅަށް ޑެންމާކު ކުރިމަތިލީ މެޗުގެ ތެރެއިން ހޭނެތިގެން ވެއްޓުނު ކްރިސްޓަން އެރިކްސަން ކާމިޔާބު އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެރިކްސަން އޮޕަރޭޝަން ކޮށްފައިވަނީ ހިތަށް އައިސީޑީއެއް ލެއްވުމަށް ކަމަށާއި ކުރިއަށް ދިޔައީ ކާމިޔާބު އޮޕަރޭޝަނެއް ކަމުގައި ޑެންމާކްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެއެވެ. އެރިކްސަންގެ ހިތަށް ލައްވާފައިވާ އައިސީޑީއަކީ ހިތުގެ ހިނގުމަށް ބުރޫއެއް އަރައިފިނަމަ ހިތުގެ ހިނގުން ވަކި މިނެއްގައި ކޮންޓްރޯލްކޮށް ހިފަހައްޓާދިނުމަށް ލައްވާފައިވާ އެއްޗެކެވެ.

އޮޕަރޭޝަނަށްފަހު އެރިކްސަން މިހާރު ގެއަށް ދޫކޮށްލާފައިވާއިރު، ގެއަށް ދޫކޮށްލުމުން އެންމެ ފުރަތަމަވެސް ދިޔައީ އޭނާގެ ޓީމާ ބައްދަލުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއަށްފަހު މީޑިއާތަކާ މުހާތަބު ކުރަމުން އެރިކްސަން ބުނީ އޭނާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުކަމަށާއި، އެ ދަނޑިވަޅުގައި އޭނާއަށް ހިތްވަރު ދިން އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރުއަދާކުރާ ކަމަށެވެ.

12 ޖޫން ވީ ހޮނިހިރު ދުވަހުގެރޭ އެރިކްސަން ހޭނެތިފައިވަނީ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ފިންލޭންޑާއި ދެކޮޅަށް ޑެންމާކު ކުޅުނު މެޗުގެ ތެރޭގައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމުން، ދަނޑުމަތީގައި އޭނާއަށް ވަނީ ގިނަ އިރުތަކެއް ވަންދެން ސީޕީއާރްދީފައެވެ. މިކަމާ ގުޅިގެން އެރޭގެ މި މެޗުވަނީ މެދުކަނޑާލާފައެވެ.

އެރިކްސަނަކީ ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރެއްގެ ގޮތުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން