މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ
ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ޓެލެކޮމް ކުންފުންޏަކަށް ލައިސެންސް ނުދޭނެ ކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އަށް ހުށަހެޅި ފޯމެއްގެ ޖަވާބުގައި އެ އޮތޯރިޓީ އިން ބުނެފައިވަނީ އިންޓަނެޓުގެ އަގަށް އަންނަ މަހުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވަނީ ދިރާގު އަދި އޫރިދޫ އާއި އެކު ސަރުކާރުން އަންޑަސްޓޭންޑިންގ އަކަށް ގޮސްގެން ކަމަށެވެ.

އެގޮތުން ސަރުކާރުން ވަނީ ކުރިއަށް އޮތް 5 އަހަރު އިތުރު ފަރާތަކަށް ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓިން ލައިސަންސް ނުދޭނެ ކަމުގެ ޔަޤީންކަން އެ ދެ ކުންފުންޏަށް ދީފައެވެ. މިގޮތުން ޔުނިފައިޑް ޓެލެކޮމިއުނިކޭޝަން ލައިސަންސް އާއި އިންޓަނެޓް ސާވިސް ޕްރޮވައިޑަރ ލައިސަންސް، އަދި މޯބައިލް ޓެލެފޯން ލައިސަންސް ފަދަ އެއްވެސް ލައިސަންސްއެއް 5 އަހަރަށް ނުދިނުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ. އެގޮތަށް އެއްބަސްވެ ދިރާގާއި އުރީދޫ އިން އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވާއިރު 3 އަހަރު ފަހުން އަގުތަށް މުރާޖަޢާ ކުރުމަށްވެސް ނިންމާފައިވެއެވެ.

އެހެން ނަމަވެސް ސްޕޭސްއެކްސްގެ ސްޓަރލިންކް ހައިސްޕީޑް އިންޓަނެޓް ހިދުމަތް، މި ސަރަޙައްދަށް ލިބެންފެށުމުން އެ ހިދުމަތް ބްލޮކްކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޒަމާންތަކެއް ވަންދެން ހުރި މައްސަލަތަކަށް ބޭނުންވަނީ އުފެއްދުންތެރި ޒަމާނީ ހައްލުތަކެއް ކަމަށް ޓެލެކޮމް މިނިސްޓަރ ޝައުނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.



ސަރުކާރުން އިންޓަނެޓްގެ އަގަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތްތަކުގެ އަގުތައް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގަކަށް ދަށްކުރުން ހިމެނެއެވެ. އަދި ރެސިޑެންޝަން ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް 2 ގުނައާއި 5 ގުނައަށް މަތިވެގެން ދާނެއެވެ. މީގެއިތުރުން އެންމެ ކުޑަ ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 300 ރުފިޔާއަށްވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން 1 އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަނެއްކޮޅުން އިންޓަނެޓްގެ އަގަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައި މިވަނީ، އެކަން ލަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން