ރޭ ޕޯޗުގަލް އާއި ފްރާންސް ގެ މެޗުގައި ގޯލްޖެހި ބެންޒެމާ (ކ) އާއި ރޮނަލްޑޯ (ވ)
ރޭ ޕޯޗުގަލް އާއި ފްރާންސް ގެ މެޗުގައި ގޯލްޖެހި ބެންޒެމާ (ކ) އާއި ރޮނަލްޑޯ (ވ)
ޔޫރޯ 2020 ގެ ގްރޫޕް އެފް އިން ފްރާންސާއި ޖަރުމަންވިލާތާއި ޕޯޗުގަލް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ރޭ ރާއްޖެ ގަޑިން 00:00 ގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރިއިރު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ޕޯޗުގަލްއިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ދެ ލަނޑަކީވެސް ޕެނަލްޓީގައި ޖެހި ދެ ލަނޑެވެ. މި މެޗުގައި ފްރާންސްއިން ޖެހި ދެ ލަނޑު ޖަހާފައިވަނީ ކަރީމް ބެންޒެމާއެވެ. ބެންޒެމާ ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީ ލަނޑެކެވެ.

މި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ގައުމީ ޓީމުގެ ޖާޒީގައި 109 ލަނޑު ޖަހާފައެވެ. އެއާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން އީރާނުގެ އަލީ ދާއީގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ޔޫރޯ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފްވެރި މަގާމު ވެސް އޮތީ ރޮނާލްޑޯގެ އަތުގައެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ މި ޔޫރޯގައި ޖެހި ފަސް ލަނޑާއެކު މުޅި ޖުމުލަ 14 ލަނޑު އޭނާ ޔޫރޯގެ ތާރީހުގައި ކާމިޔާބު ކޮށްފައިވެއެވެ.

ރޭ ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ހަންގޭރީ އާއި ޖަރުމަނު ކުޅުނު މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައިވަނީ ހަންގޭރީންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ސަލައިއެވެ. ޖަރުމަނުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކައި ހަވާޓްޒް ކާމިޔާބު ކޮށްދިން ގޯލުންނެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން އަންޑްރާސް ޝޭފާ ވަނީ އިތުރު ލަނޑެއް ޖަހައި ހަންގޭރީއަށް އަލުން ލީޑު ނަގާދީފައެވެ. މި މެޗުން ބަލިނުވެ ޖަރުމަން ސަލާމަތްވީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލެއޯން ގޮރެޓްޒްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ގްރޫޕުން އެއްވަނަ މަޤާމު ހޯދައިގެން ފްރާންސް ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޖަރުމަންވިލާތާއި ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ދެވަނަ ލިބުނީ ޖަރުމަންވިލާތަށެވެ. ޕޯޗުގަލް ދެވަނަބުރަށް ދިޔައީ ތިންވަނައަށް އައި ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ.

ދެވަނަ ބުރުގައި ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރަން ޖެހޭއިރު، ޖަރުމަން ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވާދަކުރަން ޖެހޭނީ ބެލްޖިއަމާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން