ރައީސް ނަޝީދު ގޮވައިގެން ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދިއުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުޤައްރިރުކަމުން ވަކިކޮށްފައިވާ ޝުޢައިބު ޢަލީ (ފުރަހަނި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމުވެސް އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު މިއަދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންއޮތް ހަމައެކަނި ވަސީލަތް ކަމަށްވާ ގުޅީފަޅު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އިންޑިއާއަށް ވިއްކާލާފައިވާ ކަމަށެވެ. އަދި އެފައިސާ ރައީސް ނަޝީދު ނަންގަވާފައިވާ ކަމަށް ޝުއައިބު ތުހުމަތު ކުރަށްވާފައިވެއެވެ.

"އޭނާގެ ޖީބަށް އެ ލާރި އެޅި މައްސަލަ ދުނިޔޭގެ ބައިނަލްއަޤުވާމީ ކޯޓު ކަމަށްވާ ދެ ހޭގް ގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން." ޝުޢައިބު މިއަދު ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ އިސްމަޤާމުތަކެއް މީގެ ކުރިން އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޝުޢައިބު ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.

މާލޭ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދޫކުރާނެ ކަމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދަމުން ނުދާކަމަށް ބުނެ ޝުޢައިބު އިސްކޮށް ހުންނަވައިގެން "ނޯގޯތި-ނޯވޯޓް" ގެ ނަމުގައި މަދަނީ ޙަރަކާތެއްވެސް މިހާރު ވަނީ ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު