ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ޖެންޑަރ މިނިސްޓްރީން މީޑިއާތަކަށް ފިޔަވަޅުއަޅަން ޖެހުނީ، މީޑިއާ ތަކަށް ފާރަވެރިވުމުގައި މީޑީއާ ކައުންސިލުން އިހުމާލުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި އެކުއްޖާގެ ވަނަވަރާއި ޒާތީ މައުލޫމާތުތަކެއް އާންމުކުރި ކަމަށް ބުނެ ޖެންޑަރ މިނިސްޓްރީން ވަނީ އޮންލައިން ނޫހެއް ޖޫރިމަނާކޮށް، ތިން މީޑިޔާ އަކަށް އެމައްސަލައިގައި ނަސޭހަތްދީފައެވެެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ،‏ މީޑިއާތަކުން ކުރާ ކަންތައްތަކަށް މީޑިއާ ކައުންސިލް ފާރަވެރިވާނަމަ، ޖެންޑަރ މިނިސްޓްރީން އެފަދަ މައްސަލަތަކުގައި ފިޔަވަޅުއެޅުމުގެ ކުރިން މީޑިއާ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިރާއްޖޭގެ ޢާއްމު ރައްޔަތުންގެ ޙައްގެއް މިހާރަކުނެތް. ކުޑަކުއްޖެއް، މުސްކުޅިއެއް، ބަލިމީހެއްގެ ޙައްގެއްނެތް." ރީކޯ މޫސަ ވިދާޅުވިއެވެ.



މީޑިއާތައް މެދުވެރިކޮށް ކުޑަކުދިންގެ މައްސަލަތައް ރިޕޯޓް ކުރުމުގައި މުޅި ދަޢުލަތްވެސް ޒިންމާދާރުވާން ޖެހޭކަން ފާހަގަކޮށް މޫސަ އިތުރަށް ވިދާޅުވީ، ދަޢުލަތުގެ ޢާމްދަނީން ޚަރަދުކުރާ މުއައްސަސާތަކުގެ މައްޗަށް ދަޢުލަތަށް ބަސް ބުނެވޭނެ ކަމަށެވެ. ޖެންޑަރ މިނިސްޓްރީން މީޑިއާތައް ޖޫރިމަނާކުރުން ދިފާޢު ކުރަށްވައި ރީކޯ މޫސަ ވިދާޅުވީ، ދަޢުލަތުން ޚަރަދު ކުރާ މުއްސަސާއަކަށް ޒިންމާ ނޫފުލުމުގެ ސަބަބުން "ނޫސްތަކުގައި އަވަގުރާނަ ލިޔެ، މައުސޫމް ކުދިންގެ އަބުރަށް އެރުން." ވަރިހަމަ ކޮށްގެން ނުހުންނަވާނެ ކަމަށެވެ.

މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ސޯޝަލް މީޑިއާގައި މައުލޫމާތު އާންމު ކުރާނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބޭ ކަމަށެވެ. ކުޑަކުއްޖާ މަރާލާފައިވާ ކަމުގެ ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ކަމަށް ޖެންޑާއިން ފޮނުވި ސިޓީތަކުގައި ބުނެފައިވެއެެވެ. އަދި އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ސިޓީތަކުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން