ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.
މުލަކުތޮޅު ދިއްގަރު ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް، ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދެވި މި ބައްދަލުވުމަކީ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުމުުގައި އެރަށުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތާމެދު ހިތްހަމަޖެހޭކަން ދިއްގަރު ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. މީގެއިތުރުން މި ބައްދަލުވުމުގައި ދިއްގަރުގެ ރައްޔިތުންނަށް މުހިންމު އެހެން ކަންކަމާގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން ދިއްގަރު ކައުންސިލުގެ ރައީސް ނިޝާން ވަނީ އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކާއި ލުއިފަޞޭހަތައް ބޭނުންވާކަމާއި، ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް، ކައިރި ސަރަޙައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުޞަތުތައް އެ ސަރަޙައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައްވެސް ޙިއްޞާކުރައްވާފައެވެ. އެގޮތުން މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ޤާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަކާ އެއްގޮތަށް ކުރިޔަށްދާނެކަމާއި، އަދި މިހާރު ހުރިވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރަށްވާފައިވެއެވެ.

މީގެ އިތުރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާ ގުޅޭގޮތުންވެސް އަދާހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުންނާ ޙިއްޞާކުރަށްވާފައެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްގަރު ކައުންސިލަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން