އަލްހާން ފަހުމީ
އަލްހާން ފަހުމީ
ޖަޒުބާތުގައި ޖެހި ޗާޓުން ބޭރަށް ދިއުމަކީ ޤާނޫނީ ދައުލަތް ދަންނަ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކޮށް އެއްފަހަރާ ގިނަ ބަޔަކު ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.



މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލްހާން ވިދާޅުވީ ޖަޒުބާތުގައި ޗާޓުން ބޭރަށް ދިޔުމަކީ ގާނޫނީ ދައުލަތް ދަންނަ ކަމެއް ނޫން ކަމަށާއި، ހިތުހުރި މީހަކު ހިތުހުރި ގޮތަކަށް ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ. އަލްހާން އިތުރަށް ވިދާޅުވީ ކުއްލިއަކަށް މީހުން ހިފާ ހައްޔަރުކުރުމުން މާޒީގައި ރައީސް ނަޝީދަށް ކުރެވުނު ހިތި ތަޖުރިބާ ހަނދާން ކޮށްދިނުމަކީ ވާޖިބެއް ކަމުގައި ދެކޭ ކަމަށެވެ.

އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗު ކުރުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ ޓެރަރިޒަމާއި، ހައްދުފަހަނައެޅުމުގެ ވިސްނުމުގެ ފަރާތްތަކަށް ޤާނޫނުގެ ދިގު އަތް ނުފޯރާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށް ގާނޫނުތައް ހެދިފައި އެބަހުރި ކަމަށެވެ. އެކަމަކު މި ގާނޫނުތަކުން އެންމެ އެކަށީގެންވާ މަންފާ ކުރާކަމާއިމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ފަނޑިޔާރުންނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވަނީ ފަނޑިޔާރުންނަށް ވިސްނިވަޑައިގަންނަވަން ވެއްޖެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވެގެން އުޅޭކަންކަން ހައްލު ކުރުމަށް ގިނަ ބަޔަކު އެއްފަހަރާ ހައްޔަރުކޮށްގެން ނަމަވެސް އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ރައީސް ޞާލިހު ފަހަތުފަޔަށް ބުރަ ނުވުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން