ރޭގެ މެޗުގައި ސްޕެއިންގެ ފަހު ދެގޯލް ކާމިޔާބުކޮށްދިން މޮރާޓާ (ކ) އާއި އޮޔާޒަބާލް
ރޭގެ މެޗުގައި ސްޕެއިންގެ ފަހު ދެގޯލް ކާމިޔާބުކޮށްދިން މޮރާޓާ (ކ) އާއި އޮޔާޒަބާލް
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ފަސްވަނަ މެޗުގައި ރޭ ކްރޮއޭޝިއާ ބަލިކޮށް، ކުއާޓަ ފައިނަލްގެ ފަސްވަނަ ޖާގަ ސްޕެއިން ކަށަވަރުކޮށްފިއެވެ.

ޑެންމާކްގެ ޕާކެން ސްޓޭޑިއަމްގައި ރޭ ރާއްޖެގަޑިން 21:00 ގައި ކުޅުނު މެޗު ސްޕެއިން ކާމިޔާބު ކުރީ ފަސް ލަނޑު ތިން ލަނޑުންނެވެ. މިއީ ސްޕެއިން 2012 ވަަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ކްރޮއޭޝިއާ އިންނެވެ. މިއީ ސްޕެއިންގެ ކީޕަރު ސިމޮން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސްޕެއިނަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 38 ވަނަ މިނެޓްގައި ސަރާބިއާ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި ސްޕެއިންގެ ދެވަނަ ގޯލު ޖެހީ ސެޒާ އަޒްޕިލިކުއޭޓާ އެވެ. ސްޕެއިންގެ ތިންވަނަ ގޯލު ކާމިޔާބުކުރީ ޓޮރޭޒް އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކްރޮއޭޝިއާ ކުރަމުންއައި މަސައްކަތަށް ހިތްވަރެއް ލިބުނީ މިސްލާވް އޮރްސިޗް އެޓީމްގެ ދެވަނަ ގޯލް ކާމިޔާބުކޮށް ދިނުމުންނެވެ. އޭގެ ފަހުން މާރިއޯ ޕަސަލިޗް ކާމިޔާބު ކޮށްދިން ގޯލާއެކު ފުރިހަމަ ވަގުތު ނިމިގެން ދިޔައީ ތިނެއް ތިނަކުން އެއްވަރުވެގެންނެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފުގައި ސްޕެއިންގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ މޮރާޓާ އެވެ. އޭގެ ތިން މިނިޓް ފަހުން އޮލްމޯ ދިން ބޯޅައަކުން ސްޕެއިންގެ ފަސް ވަނަ ގޯލު ޖެހީ މިކޭލް އޮޔާޒަބާލް އެވެ.

މިއީ ޔޫރޯ ތާރީހުގައި ފެނުނު ދެ ވަނަ އަށް އެންމެ ގޯލް ގިނަ މެޗެވެ. އެންމެ ގިނަ ގޯލު ފެނިގެންދިޔަ މެޗަކީ 1960 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ޔޫގޯސްލާވިއާ އާއި ފްރާންސް ކުޅުނު މެޗުގަ އެވެ. އެ މެޗު ނިމުނީ 5-4 އިން ޔޫގޯސްލާވިއާ މޮޅުވެގެންނެވެ.

ސްޕެއިން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ފްރާންސް ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ސްވިޒަލޭންޑާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން