ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ސްވިޒަރލޭންޑްގެ ކުޅުންތެރިން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ސްވިޒަރލޭންޑްގެ ކުޅުންތެރިން
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ހަވަނަ މެޗުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް، ކުއާޓަ ފައިނަލްގެ ހަވަނަ ޖާގަ ސްވިޒަރލޭންޑް ކަށަވަރުކޮށްފިއެވެ.

ރުމޭނިއާގެ ނެޝަނަލް އެރީނާގައި ރޭ ރާއްޖެގަޑިން 00:00 ގައި ކުޅުނު މެޗު ސްވިޒަރލޭންޑުން ކާމިޔާބު ކުރީ ވަރުގަދަ ކުރިމަތިލުމަކަށްފަހު ޕެނަލްޓީގައި ފްރާންސްގެ މައްޗަށް އެއް ޕެނަލްޓީން ކުރި ހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ދެހާފް ނިމިފައިވަނީ ތިން ލަނޑު ތިން ލަނޑުން ދެޓީމް ހަމަހަމަ ވެގެންނެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން ސްވިޒަރލޭންޑުން ވަނީ ފްރާންސްގެ މައްޗަށް 4-5 ގެ ނަތީޖާއިން ކުރިހޯދާފައެވެ.

މި މެޗުގައި ސްވިޒަރލޭންޑުން ލީޑު ނަގާފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަރިސް ސެފެރޮވިޗެވެ. ފްރާންސްގެ ފުރަތަމަ ދެގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ފްރާންސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ޕޮގްބާއެވެ. ނަމަވެސް މެޗްގެ 81 ވަަނަ މިނިޓްގައި ސެފެރޮވިޗް ވަނީ ސްވިޒަލެންޑަށް ދެ ވަނަ ގޯލެއް ޖަަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އަދި މެޗް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާރިއޯ ގަވްރަނޯވިޗް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގައި ނަތީޖާއަށް ބަދަލެއް ނައުމުން ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ގައި ފްރާންސަށް ނާކާމިޔާބުވީ އެމްބާޕޭ ފޮނުވާލި ޕެނަލްޓީއެވެ. މިއީ 1992 ވަނަ އަހަރަށް ފަހު ފްރާންސް އަތުން ސްވިޒަލެންޑަށް ލިބުނު ފުރަަތަމަ މޮޅެވެ. އަދި މިއީ 67 އަހަރު ތެރޭ ސްވިޒަލެންޑުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކުއާޓާ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

މި ތާރީޚީ މޮޅާއި އެކު ސްވިޒަލެންޑުން މުބާރާތުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާ ގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ވަރުގަދަ ސްޕެއިންއާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން