ޙަމަލާގައި ރައީސް ނަޝީދަށް ލިބުނު ބައެއް ޒަޚަމްތައް
ޙަމަލާގައި ރައީސް ނަޝީދަށް ލިބުނު ބައެއް ޒަޚަމްތައް
ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު ހައްޔަރުކޮށް ވަރަށް ބާރަށް ތަހުގީގު ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ހަރުކަށި ފިކުރާއި ގޭންގް ވައިލަންސަކީ އައު ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް މިސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދީގެން ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓެރަރިޒަމް ޖަމާއަތްތަކުގެ ގޮތުގައި މި ސަރުކާރުން ޖަމާއަތްތަކެއް ހާމަކުރި ކަމަށާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި ސަރުކާރުން ފަހަތަށް ނުޖެހި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މެއި ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ޙަމަލާއާއި ގުޅިގެން 8 މީހެއްގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. ރައިސް ވިދާޅުވީ، މީގެ ތެރެއިން 4 މީހަކަށް ދައުވާކުރުމަށް ވަރަށް އަވަހަށް ފޮނުވޭނެކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގު އަދިވެސް ހުއްޓާނުލައި ކުރިއަށްދާ ކަމަށާއި، އެކަން ވަރަށް ގާތުން ބައްލަވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އިންޓެލިޖެންސްގެ ފެއިލިޔަރއެއްތޯ ބެލުމަށް ކުރިއަށްދާ އިންކުއަރީއާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އިންކުއަރީ ކޮމިޝަންގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް ރިޕޯޓް ރައީސަށް ލިބޭނެ ކަމަަށެވެ. އެގޮތުން މިހާރުވެސް ބައެއް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެހެންނަމަވެސް، ރިޕޯޓް އެއްކޮށް ލިބުމާއެކު އިންޓެލިޖެންސް އިދާރާތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީގައި ކުރިއަށް ގެންދިޔަ އިންކުއަރީ ނިމިފައިވާ ކަމަށާއި، އެރިޕޯޓްވެސް އެކުލަވާލުމުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު މަޖިލީހުން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މަޖިލީހުގެ ރިޕޯޓުގައި ފާހަގަކުރާ އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ޓެރަރިޒަމަށް ވާގިވެރިވާ ގިނަ ޢަދަދެއްގެ މީހުން ތިބިކަން ފުލުހުންވެސް ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ޓަކައި 10 އޮކްޓޫބަރު 2019 ގައި މަޖިލީހަށް ހުށައެޅި ނަމަވެސް ތަހުގީގު އިދާރާތަކުން ބޭނުންވާ މިންވަރަށް އިސްލާޙްތައް ގެނެވިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު އަނެއްކާވެސް އެ ޤާނޫނަށް އިސްލާޙްތަކެއް ގެނައުމަށް ހުށައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ ދިވެހިން ހައްޔަރު ކުރުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާތީ ރައީސް ވިދާޅުވީ، ދިވެހިންމީގެ ކުރިންވެސް ރާއްޖޭން ބޭރުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ދީފައި އެބަހުރި ކަމަށާއި، އެފަދަ މީހުން ރާއްޖޭގައި ތިބޭނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އެފަދަ ހަމަލާއެއް ނުދެވޭނެ ގޮތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އިންޓެލިޖެންސް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން