ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް މިވަގުތަށް އެންމެ އިސްކަމެއް ދެއްވަނީ ވިޔަފާރިތައް ހުޅުވާލައި އިޤްތިޞާދު ހިނގައިގަތުމަށް ކުރެވެންހުރި މަސައްކަތްތައް ކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އޮންލައިންކޮށް މީޑިޔާއާ ބައްދަލުކުރައްވައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ވިޔަފާރިތައް ހުޅުވާލައި އިޤްތިޞާދު ހިނގައިގަތުމަށް މަސައްކަތް ކުރިނަމަވެސް ބަލި ފެތުރިގަނެގެން ހިނގައިދާނެތީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ. އެގޮތުން ދިގު މުއްދަތެއްގައި ކޮވިޑް ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު އިތުރު ފެސިލިޓީތައް ޤާއިމުކުރުމާއި އެމެޖެންސީ މެޑިކަލް ސާވިސް (އީ.އެމް.އެސް) ތަޢާރަފުކުރުމާއި މޯލްޑިވްސް ހެލްތު ސާވިސް (އެމް.އެޗް.އެސް) ތަޢާރަފުކޮށް ޕްރައިމަރީ ހެލްތުކެއާރގެ ޚިދުމަތް ކުރިޔަށްވުރެ ރަނގަޅަށް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ދެވޭނެގޮތް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރު ކޮވިޑްބަލި ކޮންޓްރޯލްކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުގައި އަދި ޚާއްޞަކޮށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމަވާފައިވާ ގޮތުގެ ތަފްޞީލުތައްވެސް ޙިއްޞާކުރެއްވިއެވެ. އެގޮތުން މާލެ ސަރަޙައްދުގައި މިހާރު ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާ ގަޑި ޖުލައި 1 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުރުކުރުމާއި، އެނޫން ގަނޑިތަކުގައި ފާހަކާއި ނުލައި ބޭރުގައި އުޅެވޭނެގޮތަށް ލުއިދިނުމާއި، ސައިހޮޓާ ރެސްޓޯރެންޓްފަދަ ތަންތަނުގެ އެތެރޭގައި ތިބެ ކެއިންބުއިމުގެ ޚިދުމަތް ދެވޭނެގޮތަށް ހުޅުވާލުމާއި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުންފަދަ ލުއިތައް ހިމެނެއެވެ. މީގެ އިތުރުން ކޮވިޑް ބަލިޖެހި، ރަނގަޅުވެފައިވާ ފަރާތްތަކުން ބަލި ރަނގަޅުވެ 60 ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުން އެހެންރަށްރަށަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ހުޅުވާލުންފަދަ ލުއިތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޮވިޑާގުޅިގެން ވިޔަފާރިތަކަށް ދިމާވާދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ވޭތުވެދިޔަ ތަނުގައި ސަރުކާރުން ހުޅުވާލި ފުރުޞަތުތަކުގެ ތަފްޞީލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ލޯނު ސްކީމުތަކުގެ ގޮތުގައި މިހާތަނަށް 1.7 ބިލިޔަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި އޭގެ ތެރޭގައި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުގެ ދަށުން ދޫކުރި 1.1 ބިލިޔަން ރުފިޔާއާއި، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 22945 ފަރާތަކަށް ދޫކުރި 420 މިލިޔަން ރުފިޔާއާއި، ކަރަންޓްބިލުން 143 މިލިއަން ރުފިޔާ، ފެންބިލުން 26 މިލިޔަން ރުފިޔާ، ޑިސްކައުންޓްގެ ގޮތުގައި ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ ފިޔަވަޅުތައް އަލުން ވަރުގަދަކުރުމާއި ގުޅިގެން އިތުރަށް ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިތުރު އެހީތައް ދެމުންގެންދާކަން ފާހަގަކުރައްވައި، އެ އެހީތަކުގެ ތަފްޞީލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެގޮތުން 370 މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފަށާފައިވާކަމަށާއި އެ ސްކީމަށް ހުށަހަޅާ ފަރާތްތަކަށް 10 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ކުދި އަދި މެދެފަންތީގެ ވިޔަވާރިތަކަށް ޚާއްޞަކޮށް 350 މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް ހުޅުވާލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސްކީމު ބޮޑަށް އަމާޒުކޮށްފައި ވަނީ ކެފޭ، ރެސްޓޯރެންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސްފަދަ ކުދި ވިޔަފާރިތަކަށްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޕްރެސްކޮންފަރެންސްގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި އެނޫންވެސް ސަރުކާރުން ކުރިޔަށްގެންދަވާ މުހިންމު މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

މިއަދުގެ މި ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް, އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމު ބައިވެރިވެ ވަޑައިގެން ޞިއްޙީ ދާއިރާއާ ވިޔަފާރިއާ އިޤްޠިޞާދީ ދާއިރާއިން އިތުރު ތަފްޞީލުތައް ނޫސްވެރިންނާ ޙިއްޞާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން