ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން
ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޕޮލިސީތައް ހަދައި އެއާ އެއްގޮތަށް އެކަންކަން ތަންފީޒުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް އެއީ މުސްތަޤްބަލުގައި އޭގެފައިދާ ނުހަނު ބޮޑަށް ފެންނާނެކަމެއްކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތް އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން އިންތިޒާމުކޮށްގެން "ޔޫ އެން ޕޭޓްރަން އޮފް އޯޝަންސް" އާއި "30x30 އިނިޝިއޭޓިވް" ގެ ފައުންޑަރ ލުވިސް ޕިއުގެ އެހީތެރިކަމާއެކު ބޭއްވި "30x30" ވެބިނަރގައި ވާހަކަ ދައްކަވަމުން ސަބްރާ ވިދާޅުވީ، ގޮންޖެހުންތަކެއް ހުރި ނަމަވެސް އެންމެންގެ ލާބައާ މަންފާއަށްޓަކައި، ކަނޑުގެ ދިރުންތައް ދިރުވާ އާލާކުރުމާގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސް، ހޭލުންތެރިކަން އިތުރުކޮށް، އަދި އެކަމަށް ޤަވާއިދުތައް ހަދަމުންދިޔުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި ވެބިނަރގައި ވާހަކަ ދައްކަވަމުން ޞަބްރާ ވަނީ ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދުކަން ފާހަގަކުރައްވައި، ރާއްޖެއަކީ ވެސް އެހެން ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ފަދައިން ކަނޑުގެ ދިރުންތަކުގެ މައްޗަށް ދިރިއުޅުން ވަރަށްބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު މިއީ ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް 30x30 ޕްރޮޖެކްޓުން ކުރާ މަސައްކަތް ރާއްޖެއަށް މުހިންމުވެގެންދާ މައިގަނޑު ސަބަބުކަން ޞަބްރާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ކަނޑުތަކަކީ ދުނިޔޭގެ އެންމެބޮޑު އެއް "ނެޗުރަލް ކާބަން ސްޓޯރޭޖް ސިސްޓަމް" ކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ކުރިމަތިކުރުވާ ނުރައްކާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުން ވެގެންދާނީ މުސްތަޤުބަލުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅަކަށްކަން ޞަބްރާ ފާހަގަކުރެއްވިއެވެ.

ޞަބްރާ ވަނީ ރާއްޖެއިން ކުރަމުންގެންދާ ދޮށީގެ މަސްވެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްކަމާއި އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށްވެސް އޭގެ ގެއްލުން ނުފޯރާކަމުގައި ޞަބްރާ ވިދާޅުވިއެވެ. އެހެންކަމުން މީއީ މަހުގެ ސްޓޮކަށްވެސް ގެއްލުންނުވެ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ބާރުލިބިގެންދާ ކަމެއްގެ ގޮތުގައި ޞަބްރާ ފާހަގަކުރެއްވިއެވެ.

ދާދިފަހުން މިމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ 25 ވަނަ ސެޝަނުގައި، އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެއްލި އަދި ކަޅުބިލަމަހުގެ މަސްވެރިކަން އޭގެ ސްޓޮކަށް ގެއްލުންވާ މިންވަރަށް ކުރަމުންދާތީ އެ ބާވަތްތަކުގެ މަހުގެ ސްޓޮކް ދިރުވާ އާލާ ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާބެހޭގޮތުން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ޞަބްރާ ވަނީ ރާއްޖެއަކީ އަބަދުވެސް ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅާ ވަކާލާތުކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، މަސްވެރިކަން ކުރާ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަނޑުތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެކަނި އަޅައިގެން އެކަން ޙާޞިލުނުވާނެކަމަށާއި އެއާއި ވިދިގެން ދެމެހެއްޓެނިވި މަސްވެރިކަމާއި ދެކޮޅު ފިޔަވަޅުއެޅުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބޮޑެތި ބާޒާރުތަކުން ފުރުޞަތުތައް އިތުރަށް ފުޅާވެ ފަހިވެފައި އޮންނަންޖެހޭކަމުގައި ވެސް ޞަބްރާ ވިދާޅުވިއެވެ.

ޞަބްރާގެ ވާހަކައިގައި ތިމާވެށީގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން ރާއްޖެއިން މިޔަރުގެ މަސްވެރިކަން މަނާކޮށްފައިވާކަމާއި، ބ. އަތޮޅު ބަޔޮސްފިޔާ ރިޒާރވް އެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމާއި އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ނިޔަލަށް ރާއްޖެއިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި އަދި "ހައި ލީކޭޖް ސިންގަލް ޔޫސް ޕްލާސްޓިކް"ގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުން މިމަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ޞަބްރާގެ ވާހަކަ ނިންމަވާލައްވަމުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުރާލާ ފިޔަވަޅުތައް އަޅަމުންގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެކުލަވާލާ "މެރިން ސްޕޭޝަލް ޕްލޭން" އަކީ ނޫ އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތާއި އަދި ކަނޑުގެ ދިރުންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމެއްކަން ޞަބްރާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން