ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ގޮތުން ހިންގި އެއް އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. އަނގޮޅިތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށެވެ. އުނގޫފާރު ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ޖޫން 29 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 16 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން، ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި 35 އަަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ނައިފަރު ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަތައް މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން