ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ) އާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ) އާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޝަރީޢަތް ނިމެންދެން ބަންދުކުރީ ހެއްކަކަށް ހަތްލައްކަ ރުފިޔާގެ ރިޝްވަތު ހުށައެޅިކަމަށް ދަޢުލަތުން ހެކި ހުށައެޅުމުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވީ ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރަން އޭނާ ނިންމީ އެމްއެމްޕީއާރުސީގެ ތަހުގީގުގައި ހިމެނޭ ހެއްކަކަށް 7 ލައްކަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ހުށަހަޅައި އޭނާގެ ބަޔާން ބަދަލުކުރުމަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ދައުލަތުން ހެކި ހުށައެޅުމުން ކަމަށެވެ.

ޙައިލަމް ވިދާޅުވީ، ރައީސް ޔާމީން ބަންދުކުރަން ނިންމި ފަހުން ރިޝްވަތު ހުށަހެޅުނުކަމަށް ބުނާފަރާތުން އޭނާގެ ބަޔާން ބަދަލު ކުރިކަމަށާއި، އޭގެ އިތުރުން ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާ އެސްޓީއާރުތަކެއް ނައްތާލުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަަރު މެދުވެރިކޮށް އެފްއައިޔޫގެ އެކްޓިން ހެޑަށް ރައީސް ޔާމީން ނުފޫޒު ފޯރުވާކަމަށް ބުނެ ދައުލަތުން އެކަމާގުޅޭ ހެކިވެސް ހުށައެޅި ކަމަށެވެ.



އޭނާގެ ނިންމުން ބާޠިލުކުރުމުގައި ހައިކޯޓުގެ މައިގަނޑު ވާހަކަ އަކަށް ވެފައި އޮތީ، ރައީސް ޔާމީން ނުފޫޒު ފޯރުވިކަމަށް ބުނަނީ އޭނާ ބަލަމުންދިޔަ މައްސަލައިގެ ހެއްކަކަށް ނޫންކަމުގައި ހައިލަމް ވިދާޅުވިއެވެ. އެހެން މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވިކަމަަށް ހެކި ލިބިފައިވާނަމަ، ބަލަމުންދާ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮންނާނެކަން ހައިކޯޓުގެ ފަނޑިޔާރުންނަށް ނޭނގުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ. އަދި އެކަމުން އެނގެނީ އެބޭފުޅުން ފަނޑިޔާރުކަމަށް ކުފޫހަމަނުވާކަން ކަމަށް ހައިލަމް ވިދާޅުވިއެވެ.

ޙައިލަމް ވިދާޅުވީ، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ މީހެއްގެ ވިސްނުމާ އެއްގޮތަށް ދީލައިލައިގެން ކަންކަމުގެ ޙަޤީޤަތް ބެލުމަކާނުލައި މިނިވަން ނޫސްވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގައި ހުންނަވަނިކޮށް ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރުގެ ދުވަސް ކަމަށްވާ ނޮވެމްބަރު 3 ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަރުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށްލުމާ ގުޅިގެން ނެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. ހައިލަމް ސަސްޕެންޑް ކުރި ދުވަހަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގ ދައުވާގެ ހުކުމް ކުރުމަށް އޮތް ދުވަހެވެ.

ހައިލަމް ވިދާޅުވެފައިވަނީ އޭނާ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށް މަގާމުން ވަކިކުރަން ފޮނުވާފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ. އޭގެފަހުން ސިޔާސީ ނުފޫޒު ފޯރުވާކަމަށް ބުނެ ހައިލަމް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. ހައިލަމް ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2018 އަހަރުގެ ޖެނުއަރީ 25 ގައެވެ. އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ ހަމަޖައްސާފައިވަނީ 2018 އަހަރުގެ މެއި މަހުގެ 28 ގައެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވީ 3 ޑިސެމްބަރ 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޕީޕީ

09-Jul-2021

އޭނައަށް ފަދިޔާރުކަން ދިނީ ޔާމީނޭ ނުލިޔުނީ ރައްޔިތުނަށް އަސްލު މަސްދަރު އޮޅުން ފިލާފާނެތީ ދޯ.. ތި ހައިލަމަކީ ފަޑިޔާރު ގެ ހުންނަމަގުން ހިގިޔަދޭންވެސް ހެޔޮވާ ވަރު މީހެއްނޫން .. ޔާގުންދާ މުޅި ކޯޓުތައް އޮތީ ހަރާބު ކޮށްފަ..


1

ޔޫސުފް

09-Jul-2021

މި ރަސް ނޫހަކީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލައި މި ސަރުކާރު ދިފާއުކުރުމަށް ނުހަނު ގިނަ މަސައްކަތް ތަކެއް ކުރާ ނޫހެއްކަން ގިނަ ބަޔަކު ބުނޭ



ޓްރެންޑިން