ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
އިންޑިއާ އޮފިޝަލުންނާ ދެކޮޅަށް ހަމަނުޖެހުމެއް ހިންގަން އެއްވެސް ބަޔަކު ނޫޅޭކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ދެކޮޅަށް ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު ޚަބަރު ފަތުރަމުންދާ ކަމަށް ބުނެ، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި އިންޒާރުތައް، މަޖިލީހުގެ ޚާރިޖީ ގުުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން ކުއްވެރިކުރަށްވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްވެސް ވިދާޅުވެފައި ވެއެވެ.

މެންބަރު ޝަރީފްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން، މެންބަރު އުޝާމް ވިދާޅުވީ، އިންޑިއާ ހައިކޮމިޝަނަށް ނުވަތަ ހައިކޮމިޝަންގެ އޮފިޝަލުންނާ ދެކޮޅަށް ހަމަނުޖެހުމެއް ހިންގަން އެއްވެސް ބަޔަކު ގޮވާ ނުލާ ކަމަށެވެ. އަދި އުޝާމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ އަޝްކަރީ ލަސްކަރުތައް ޤާއިމްވެފައި ތިބުމާއި ދެކޮޅަށް ކެމްޕޭނުކުރުމަކީ އިންޑިއާ ހައިކޮމިޝަނަށް ނުވަތަ އެތަނުގެ އޮފިޝަލުންނަށް ގޯނާ ކުރަން ގޮވާލުން ނޫންކަމަށެވެ.



އޭގެ އިތުރުން މެންބަރު އުޝާމް ވަނީ މަޤާމުގެ ބޭނުންކޮށްގެން ހަޤީގަތްތައް އޮޅުވާލަން ނޫޅޫމަށް މެންބަރު ޝަރީފަށް އިލްތިމާސްކުރަށްވާފައެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި އަޑުއުފުލުން އިތުރުވެފައިވަނީ މިސަރުކާރާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަމަށް ބުނެއެވެ. އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ކުޑަ ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމާއި ދުއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. ހައި ކޮމިޝަނުން އެކަމަށް އެދި ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށާއި އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތް ތަކަށްވެސް އުނދަގޫވާކަމަށެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ހައިކޮމިޝަނުން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން