ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ގެވެށި ގުޅުން ބަދަހިކުރުމަށްޓަކައި މުޖުތަމަޢުގައި ކުރާކަންކަމާއި ދޭ މެސެޖުތައް އެއްގޮތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާރުއަޅުއްވައި އެކަމަށް އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައިވަނީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ޔޫ.އެން.އެފް.ޕީ.އޭ އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި މިރޭ ދެއްވި ވީޑިއޯ މެސެޖުގައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުޢާމަލާތްކުރާ ރަނގަޅުގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކައި އެއްމެސެޖެއް މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެއާއެކު އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމުކަމަށާއި، އަދި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއެކު ގޭތެރޭގެކަންކަން އިންތިޒާމްކޮށް ޢަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމަޢު ތެރޭގައި އުޅޭއިރުވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިޙްތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އަޅުއްވާފައެވެ. އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވާނެކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތިމީހުންގެވެސް ޢަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެ ޢަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވައިފައިވެއެވެ.

ސާސްތުރަ ޕްރޮޤްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މި ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށިގުޅުމެއް އޮތުން މުހިންމުކަން ފާހަގަވެގެން ދިޔަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކައި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައްވަމުން، އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. "މިސާލަކަށް، ދަރިފުޅަށް ޚަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ ނޫންނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއްނަމަ ފުލުސް އޮފީހުންނާއި، ހޮސްޕިޓަލުން ޢަމަލުކުރަން އޮންނަނީ ކިހިނެއްތޯ،" މިފަދަ މަޢުލޫމާތު މީހުންނަށް އެނގި ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެނަމަ އެމީހުން ބާރުވެރިވުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނާކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ހުރިހާ ކަމަކީ މިނިސްޓްރީން އެކަނި ކުރެވޭނެކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށާ ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ވެސް މިފަދަ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު ކަމުގައި އެކަމަނާ ދެކިވަޑައިގަންނަވާ ކަމުގައި މިއަދުގެ މެސެޖުގައި ފާހަގަކުރެއްވެވިއެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ޤައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ ނުވަތަ "ޑޮމެސްޓިކް ވައިލެންސް" އާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން