މާލީ ވަޒީރު އިބްރާހިމް އަމީރު (މ.)
މާލީ ވަޒީރު އިބްރާހިމް އަމީރު (މ.)
އިޤްތިސާދަށް މިހާރު ދެވޭނެ އެންމެ ބޮޑު ފަރުވާއަކީ، ވީހާވެސް ގިނަބަޔަކު، ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުން ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިއަދު ވިދާޅުވީ، އިޤްތިސާދީ ކުރިއެރުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ، ކޮވިޑް ޕޮޒިޓިވްވާ ރޭޓް އިތުރުވެދާނެ ކަމުގެ ބިރު ކަމަށެވެ. އަދި ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ މިހާރު އެޗްޕީއޭ އިން ދީފައިވާ ލުއިތަކާއި އެއްގޮތަށް އިޤްތިސާދު އިޔާދަކޮށް އާރާސްތުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ހުރިހާ ބޭފުޅުންވެސް އަވަހަށް ވެކްސިންޖެހުން ވަރަށް މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ، ރާއްޖެއިން ކޯވިޑް ވެކްސިން ގަތުމަށް މިހާތަނަށް ކޮށްފައިވާ ކޮންޓްރެކްޓް ވެލިއު އަކީ ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން މިހާތަނަށް 2.6 މިލިއަން ޑޮލަރު ދައުލަތުން ވެކްސިނަށް ހޭދަކޮށްފައިވާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ހަމައެކަނި ޖަހައިދެމުން ދަނީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނެވެ. އަދި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ޖަހައެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ސަރުކާރުން އަންނަނީ ރަޝިޔާ ސަރުކާރު މެދުވެރިކޮށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން ސީދާ ރަޝިއާގެ ސަރުކާރު މެދުވެރިވެގެން ގަންނަ ސްޕަޓްނިކް ވެކްސިންގެ ދެލައްކަ ޑޯޒް ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެއްބަސް ވުމުގައި ސޮއިކުރާތާ ހަތަރު ވަރަކަށް ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން މި ޖުލައި މަހު ފަހުކޮޅު ރާއްޖެއަށް ސިންގަޕޫރުން ގެންނަ 500،000 ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ޖުމްލަ 317،762 މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 206،245 މީހުންނަކީ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން