ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އަންނަ ހޮނިހިރުން ފެށިގެން އިތުރުކުރަން ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލުން ހާމަކޮށްފިއެވެ.

ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އިތުރުކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ މިއަދު ވަނީ ހާމަކުރައްވާފައެވެ. އަދި އަދަދު ބޮޑުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ސީދާ އަދަދެއް ޓިމް ހާމަކުރަށްވާފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިޞާދު ވަރަށް ބޮޑަށް ދަށަށް ދިއުމާއި ގުޅިގެން ބޭރުފައިސާ ލިބުން ދަތިވެފައިވާތީ ސަރުކާރުން އެކަމުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ބީއެމްއެލުން ވެސް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު ދަށްކޮށްފައެެވެ.

މިހާރު ބެންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑަށް ކަނޑައެޅިފައިވާ ލިމިޓަކީ މަހަކަށް ކާޑަކަށް 250 ޑޮލަރެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވަކި އުސޫލުތަކެއް ދަށުން ކޮންމެ ކާޑަކަށް މަހަކު 750 ޑޮލަރު ލިބޭ ގޮތަށް ބޭންކުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ތަޢުލީމާއި ބޭސްފަރުވާއާއި ގުޅުން ހުރި ކަންކަމުގައި ކާޑުން ބޭރުފައިސާގެ މުއާމަލާތް ކުރުމުގައި ބޭންކުން އަންނަނީ އެހީތެރިވަމުންނެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އައި ހީނަރުކަމާއެކު ރާއްޖޭގައި ވަނީ ޑޮލަރުގެ ކަޅުބާޒާރެއް އުފެދިފައެވެ. އެގޮތުން ހުސްވި 2020 ވަނަ އަހަރުން ފެށިގެން ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއާއި ހިސާބުގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ. މިމައްސަލައަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ ކަމަށް އެކި މުނާސަބަތު ތަކުގައި ސަރުކާރުން ބުނެފައި ވީނަމަވެސް އަދި މިހާތަނަށް އައިއިރު އެފަދަ ހައްލެއް ހޯދައި ދެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން