ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކުރާ މި އަހަރުގެ "ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ، މިއީ ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ މިހާރު ހިންގަމުންދާ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި 2022 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހޮވޭ އެންމެ ރަނގަޅު ދެ ވިޔަފާރިއަކަށް، ކޮންމެ ފަރާތަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާލީ އެހީގެ އިތުރުން، އެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓަރޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ފަރުދުންނަށާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ފުރިހަމަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ، މި ސްޓާޓްއަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 2:00 ކަމަށެވެ. މި ގްރާންޓަށް އެދި ހުށަހަޅަން ޖެހޭނީ ކަނޑައެޅިފައިވާ ލިޔެކިޔުންތަކާއެކު އީމެއިލް މެދުވެރިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު