ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
އަޟްޙާ ޢީދާ ގުޅިގެން ރަޙްމަތްތެރިކަމުގެ ގުޅުންތައް އާލާކޮށް ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

މިއަހަރުގެ އުފާވެރި އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް މަރުޙަބާ ދަންނަވައި ފޮނުއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، އަޟްޙާ އީދާއި ބައްދަލުކުރުމުގެ މަތިވެރި ނަސީބު، މިންވަރުކުރެއްވި ކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާކަމަށެވެ. އަދި މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި ރައީސް ޞާލިޙް ވަނީ ދުޢާ ދަންނަވާފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުގެ އަޟްޙާ ޢީދާވެސް، ބައްދަލުކުރަން މި ޖެހުނީ، މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ. މިވަގުތު އެންމެ ފުރިހަމަ ގޮތުގައި ޢީދުގެ އުފާ ފާޅުކުރުމަށްވެސް، ކޮވިޑް ވަބާގެ ސަބަބުން ހުރަސްއެޅިފައި ވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މިފަދަ މަތިވެރި މުނާސަބާތަކުގެ ޒަރީޢާއިން، ދޭދޭ ގުޅުންތައް ބަދަހިކޮށް، އުފާވެރިކަމާއި އެކުވެރިކަމުގައި ދެމިތިބުމުގެ ފުރުޞަތު، މާތް ﷲ ވަނީ ތަނަވަސްކޮށްދެއްވާފައި ކަމަށެވެ.

"ކޮވިޑްގެ ހިތި ތަޖުރިބާތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތެކެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ތިބި ޢުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

އަޟްޙާ ޢީދަކީ، ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށްވާއިރު، ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެގުޅުމަކީ، އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގުޅުމެއް ކަމަށާއި، ޢީދުގެ އުފާ ފާޅުކުރުމުގެ ކޮންމެ ޙަރަކާތެއްމެ ރަމްޒުކޮށްދެނީ މިދެންނެވި މަތިވެރި ގުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. ޢީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ، މިދެންނެވި ގުޅުމަށް އަންނަ ހީނަރުކަން ނައްތާލައި، އެ ގުޅުންތައް އަލުން ބަދަހިކުރުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންކަމުން، ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ޤައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށެވެ. އަޅުގަނޑުމެން މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ރައީސްގެ ޚިތާބު ނިންމަވާލައްވާފައިވަނީ، އުފާވެރި އަޟްޙާ ޢީދުގެ ދުވަސްތަކަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބަކުރުބެ

21-Jul-2021

ޢީދު މުބާރަކް މރ. ޕްރެޒިޑެންޓް, ފަރސްޓް ލޭޑީ އަދި ދިވެހި ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް.. ސިޔާސީ ދެބަސްވުމާއި ކޯޅުމާއި ވާދަވެރިކަން އެއްކައިރިކޮށްފައި ދިވެހީން ދިވެހިންގެ ގޮތުގައި އެއްބައިވަންތަކަމާއިއެކު އީދުގެ އުފާ ލިބިގަންނަ މަންޒަރު ފެންނާނެ ކަމަށް އުއްމީދު ކުރަން



ޓްރެންޑިން