ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު
ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދާއި އެކު އިޢުތިރާފްގެ އެއްބަސްވުން ހަދައި ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން އަދުހަމާއެކު އިޢުތިރާފްގެ އެއްބަސްވުން ހަދައި ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް މިއަދު ވަނީ ވިދާޅުވެފައެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ. މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެ އެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެ އަށް ކުރަން ނިންމާފައިވަނީ 23 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާތަކެވެ.

ޝަމީމް ވިދާޅުވީ އަދުހަމާއެކު އިއުތިރާފް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުން ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް 20 އަހަރުގެ ހުކުމަކަށް އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށަށް ތިން އަހަރުގެ ހުކުމަކަށް އެއްބަސްވެފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން ހަމަލާ ރޭވުމުގެ ދައުވާ ދަޢުލަތުން އަނބުރާ ގެންދާނެ އެވެ. އަދުހަމްގެ އިތުރުން މުޖާޒް މުހައްމަދާއި ތަހްމީން އަހްމަދާއި އަލީ ހައިޝަމަށް ވެސް ވަނީ ބޮޑެތި ދައުވާތަކެއް ކޮށްފަ އެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ، ތަހުޤީޤަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ޙަމަލާ ދިން އަދުހަމް އަހުމަދު ރަޝީދު ހުރީ ޖާނުން ފިދާވެގެންވެސް މިހަމާދޭން ތައްްޔާރުވެގެން ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދޭން އެންމެ ފުރަތަމަ ތައްޔާރުވީ 2019 ގައި ކަމަށެވެ. އެކަން ރާވައި 2020 ވަނަ އަހަރުގެ ތެޜޭގައި އަމަލީ މަސައްކަތް ފެށި ކަމަށާއި، އެގޮތުން މ. ޔާގޫތުގޭ ކައިރީގައި ސައިކަލެއް ބަހައްޓައިގެންވެސް ގޮއްވާލަން 4 ދުވަހެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން މޭރީ ބްރައުން ސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދިނުމަށްވެސް ރޭވިއެވެ. އަދި މިއީ ރައީސް ނަޝީދަށް ޙަމަލާދޭން މަސައްކަތްކުރި ތިންވަނަ ފަހަރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން