އިންޑަސްޓްރިއަލް ވިލެޖްގައި މަސައްކަތެއް ކުރިޔަށް ދަނީ
އިންޑަސްޓްރިއަލް ވިލެޖްގައި މަސައްކަތެއް ކުރިޔަށް ދަނީ
މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލްގެ ބިމެއްނޫން ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއިކޮށް މާލެސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "ރަސް އޮންލައިން" އަށް ވަނީ ލިބިފައެވެ. އެސިޓީގައި ވަނީ، އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ މާލެސިޓީ ކައުންސިލާ ހަވާލުކޮށްފައިއޮތް ބިމެއް ނޫންކަން އަންގާފައެވެ.

ޕްލޭނިން މިނިސްޓްރީގެ ސިޓީގައި ވަނީ މާލެސިޓީ ކައުންސިލުން ނަގާފައިވާކަމަށް ބުނާ 2 ބިމެއްގެ މައްސަލަ ފާހަގަކޮށްފައެވެ. އެގޮތުން ސިޓީގައި ބުނެފައިވަނީ ސްޓެލްކޯގެ ފަރާތުން މާލޭގައި ޤާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ މެޓީރިއަލްސްފަދަ ތަކެތި ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާކަމަށާއި އަދި މާލޭގައި ދެމުންދާ ބަހުގެ ހިދުމަތާއި ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިން ސިޓީ ކައުންސިލުން ބަންދުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވާކަމަށެވެ.

"... އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ތިޔަ އިދާރާއި ހަވާލުކުރެވިފައިވާ ބިމެއް ނޫންކަމުގައި ދެންނެވީމެވެ." ޕްލޭނިން މިނިސްޓްރީން މާލެސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާނަމަ އެތަކެތި ސްޓެލްކޯއަށް ހަވާލުކުރުމަށް އެދިފައިވެއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށީގެ ބިންވެސް ބަންދުކޮށްފައިވާނަމަ އެކަން ހުއްޓުވުމަށް އަންގާފައިވެއެވެ.

އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިން މިދިޔަ ބަންދު ތެރޭގައި ހުސްކޮށްފައިވަނީ އެއްވެސް އިންޒާރެއްވެސް ދިނުމެއްނެތި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެކަމުގައި ސިޓީ ކައުންސިލްގެ ބަހެއް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯ އިން މިހާރުވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން