ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (މ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (މ)
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފުޓުބޯޅަ ޢާއިލާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މުބާރާތް ބޭއްވުމަށް އެންމެ ގިނަ ވޯޓު ހޯދައި ރާއްޖެއިން ވަނީ އެ ބިޑް ކާމިޔާބު ކޮށްފައެވެ. މި މުބާރާތް ބޭއްވުމަށް ރަސްމީކޮށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލުންނެވެ. މިއީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ބާއްވާ ދެ ވަަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދާނީ އޮކްޓޫބަރު 1-15 އަށެވެ.

ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި އެފްއޭއެމާ ގުޅިގެން މަސައްކަތް ކުރި ހުރިހާ ފަރާތަކަށް ތަހުނިޔާ ފޮނުއްވާ ފައެވެ. އަދި މިއީ މުޅި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިއީ ޖޯޝުން ފުރިގެންވާ ކާމިޔާބު އިވެންޓަކަށް ވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ނައިބު ރައީސްވެސް ވަނީ، އެފްއޭއެމާއި މި ކަމުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވާފަ އެވެ.



މީގެ ކުރިން ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2008 ވަނަ އަހަރު ލަންކާ އާއި ގުޅިގެންނެވެ. އެ މުބާރާތުގައި ލަންކާގައި އޮތް ފައިނަލް މެޗު އިންޑިއާގެ މައްޗަށް ކުރި ހޯދައިގެން ކާމިޔާބު ކުރީ ދިވެހި ގައުމީ ޓީމުންނެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތް ބާއްވާފައިވާއިރު އިންޑިއާއިން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ރާއްޖެއިން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އަފްޣާނިސްތާނާއި، ބަންގްލަދޭޝާއި، ސްރީލަންކާއިން އެއް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން