އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން އަނބުރާ ފައިސާހޯދަންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް ފާހަގަވެފައިވާ ކަމަށް އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕާފޮމަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދި 18 މާޗު 2021ގެ ނިޔަލަށް 132،363 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 93،544 އެޕްލިކޭޝަން ކަމަށާއި، ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން 18 މާޗު 2021ގެ ނިޔަލަށް ފައިސާ ދޫކޮށްފައިވަނީ 80،750 އެޕްލިކޭޝަނަށް ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 20 މެއި 2020 ގައި ދޭން ފަށާފައިވާ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަނބުރާ ފައިސާހޯދަންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 60 އެޕްލިކޭޝަނަކީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާ ކަމަށް ރިޕޯޓްގައި ވެއެވެ.

އެގޮތުން އެ 217 އެޕްލިކޭޝަނުން ދައުލަތަށް 409،969 ރުފިޔާ އަނބުރާ ލިބެންޖެހޭ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ސަރުކާރުން 22،946 މީހަކަށް 421 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެ އެވެ.

ދިވެހިރާއްޖޭގައި އިންކަމް ސަޕޯޓް އެލަވެންސް ދިނުން ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުންވަނީ އިތުރު 21.6 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ނިންމާފަ އެވެ. މީގެ އިތުުރުން، އިންކަމް ސަޕޯޓް އެލަވަންސް ސްކީމަށް 2020 ވަނަ އަހަރުގެ ޖޫންގައި ވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދެމުން އަންނަ، އިންކަމް ސަޕޯޓް އެލަވެންސް ދެނީ ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ނޯޕޭ ލީވްގައި ތިބި ފަރާތްތަކަށާއި، 5000 ރުފިޔާއަށް ވުރެ ދަށަށް މުސާރަ ކުޑަކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ބުރޫއަރާ، ލިބޭ އާމްދަނީ 5،000 ރުފިޔާއަށް ވުރެ ދަށްވެފައިވާ ފަރާތްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން