ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން (ކ)
ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން (ކ)
ވަގުތީ ފައިސާކޮޅަަކަށް ރައްޔިތުންގެ މުދާ ނުވިއްކުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޤައުމީ އެއަރލައިން ހިންގާ މޯލްޑިވިއަންގެ މާލީ ޙާލަތު ގޯސްވެ، ޖޮންއިންޓްވެޗަރ ހެދުމަށް ބޭރުގެ ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޣައްސާން މިއަދު ވިދާޅުވީ، ދައުލަތުގެ މުދަލާއި ސަރުކާރު ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށެވެ. އަދި މިހާލަތުގައި ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ޚަރަދުތައްކޮށް އެކަން ފޫބެއްދުމަށް ވަގުތީ ފައިސާކޮޅަަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ވިއްކާނުލުމަށް ޣައްސާން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



ރައީސް ޞާލިޙް އިއްޔެ ވިދާޅުވީ، ސަރުކާރުން ސަބްސިޑީ ދީގެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމަށްޓަކައި އައިލެންޑްއޭވިއޭޝަން ދަމަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ފަރާތްތަކާ ގުޅިގެން ބައިނަލްއަގްވާމީ ދަތުރުތަކުން ފައިދާ ލިބޭ ފަދަ ދިމާާލަކަށް އެ ކުންފުނި ގެންދިއުމަށް މަޝްވަރާކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެތެރޭގެ ދަތުރުފަތުރުގެ ނިޒާމެއްްގެ ގޮތުގަައި ގައުމީ އެއާލައިނެއް އޮންނަން ޖެހޭ ކަަމަށާއި އެއީ އޭގެ ސަބަބުން ނުސީދާ ގޮތެއްގައި ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފާއިތުވީ ދެއަހަރު އައިލެންޑް އޭވިއޭޝަންގެ ދަރަނި 600 މިލިއަނަށް އަރާފައިވާ ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

އެއާލައިންތަކަށް ގެއްލުންވާން ފެށުމުން އެހެން އެފަދަ ކުންފުނިތަކާއި ގުޅިގެން ނޫނީ ހިއްސާ ވިއްކައިގެން އެއާލައިންތައް ހިންގުމަކީ ދުނިޔޭގައި ވެސް އަލަށް ކުރާ ކަމެއްނޫނެވެ. އެއީ ދުނިޔޭގެ ބޮޑެތި މަޝްހޫރު އެއާލައިންތަކުން ވެސް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގެ ފުރަތަަމަ ގައުމީ އެއާލައިން އެއާ މޯލްޑިވްސް ވެސް ފަހުން ހިންގީ ބޭރުގެ ކުންފުންޏަކާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން