ފޮތްތައް ޑިސްޕެޗް ކުރުމުގެ މަސައްކަތުގެ ތެރެއިން
ފޮތްތައް ޑިސްޕެޗް ކުރުމުގެ މަސައްކަތުގެ ތެރެއިން
މިއަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ޓެކްސްޓް ފޮތްތައް މިހާރު ލިބިފައިވާ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު މިއަހަރުގެ އޯގަސްޓް 10 ގައި ފެށިފައިވާއިރު، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތައް ހަމަކުރެވިފައެއް ނުވެއެވެ. އޭގެ އިތުރުން ޓީޗަރުން ހަމަ ނުވުމުގެ ޝަކުވާވެސް ގިނަ ބެލެނިވެރިން ގެންދަނީ ކުރަމުންނެވެ.

ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ، މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައި ވާ ކަމަށާއި، މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.



އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ގްރޭޑްތަކުގައި ކިޔަވާދޭ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ބައެއް ފޮތްތައް ޑިޖިޓަލައިޒްކޮށް އެ ފޮތްތައް ބޭނުންކޮށްގެން ފަންސާހަކަށް ސްކޫލްގައި މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކިޔަވާދެމުންނެވެ.

ޖެނުއަރީމަހު ފެށޭ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކަލަންޑަރުވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނިންމާ ދެވަނަ ޓާރމްގެ ކިޔެވުން ފަށާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި 2022 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އެއަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގެނައި ބަދަލާއިއެކު ބައިނަލްއަޤްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ކުރިޔަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން