އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
އިންޑިއާ އިން ރާއްޖެ އަށް ހަމަޖައްސައިދިން، ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި ކަމަށް އެމްއެމްއޭ އިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރނަރ ޢަލީ ޙާޝިމް ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު މިހާރު އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި ބާކީހުރި 250 މިލިއަން ޑޮލަރު ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށް ޢަލީ ޙާޝިމް ވިދާޅުވިއެވެ.

ޢަލީ ޙާޝިމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް މިހާރު ފެންނަމުންދާ ކަމަށާއި، އެހެންކަމުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކަރަންސީ ސްވޮޕް އަނބުރާ ދެއްކުމުގެ މަސައްކަތް ކުރަށްވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މި އެގްރީމަންޓަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ ބައެކެވެ.

ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރާ މަސައްކަތަށާއި ބަޖެޓް ސަޕޯޓަށް މިހާތަނަށް އެކި ޤައުމުތަކުންނާއި، މާލީ އިދާރާތަކުން 195 މިލިއަން ޑޮލަރު ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑްއާ ގުޅިގެން ލޯނާއި ހިލޭ އެހީގެ ގޮތުގައި 195 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާއިރު މިއީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކާއި އދގެ އެޖެންސީތަކުން ލިބުނު އެހީތެރިކަމެވެ.

އެކުވެރި ޤައުމުތަކުން ދިން އެހީތަކަށް ބަލާލާއިރު ޖަޕާނު ސަރުކާރުން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ޖަޕާނު ސަރުކާރުން މިހާތަނަށް 7.4 މިލިއަން ޑޮލަރު ނުވަތަ 114 މިލިއަން ރުފިޔާގެ އެހީ ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ. ކެނެޑާއިން 1 މިލިއަން ޑޮލަރު ދީފައިވާއިރު، އެހީ ފޯރުކޮށްދިން އެހެން ޤައުމުތަކުން ފޯރުކޮށްދީފައިވަނީ ފަންނީ އެހީއާއި ތަކެއްޗެވެ. އޭގެ ތެރޭގައި އިންޑިއާ، އެމެރިކާ، ޔޫއޭއީ، ބަންގްލަދޭޝް، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން