ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ މިޔަރު އުރަހަ
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ މިޔަރު އުރަހަ
ރާއްޖެއިން މިޔަރު އުރަހަތަކެއް އެކްސްޕޯޓް ކުރަން އުޅެނިކޮށް އެތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 14 ފޮއްޓެއްގައި ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ މިޔަރު އުރަހަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 243 ކިލޯ ހުރި ކަމަށާއި، އެތަކެތި ބޭރު ކުރަން އުޅެފައި ވަނީ ލޮނު މަހުގެ ނަމުގައި ކަމަށް ކަސްޓްމަސް އިން ވަނީ ބުނެފައެވެ.



މިއީ، މިއަހަރު ތެރޭގައި މިގޮތަށް މިޔަރު އުރަހަ އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް ދެވަނަ ފަހަރެވެ. މިއަހަރު ކުރީކޮޅު ކަސްޓަމްސްއިން ހިފެހެއްޓި މިޔަރު އުރަހައިގެ ބަރުދަނުގައި ޖުމްލަ 429 ކިލޯ ހުއްޓެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރީ 21 ފޮށީއެވެ.

އެ މައްސަލާގައި މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙްމަދު މުހައްމަދުގެ މައްޗަށް ޖުމްލަ ތިން ދައުވާ އެއް ވަނީ ކޮށްފައެވެ. އެއީ، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ދައުވާއާއި، އޮޅުވާލުމުގެ އަމަލެއްކުރުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައލޫމާތު ދިނުމުގެ ދައުވާއެވެ.

ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ 2010 ވަނަ އަހަރުން ފެށިގެން މުޅިން މަނާ ކަމެކެވެ. އޭގެ ކުރިން 1995 ގައި މިޔަރު ހިފުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަނާކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގައިވާ ގޮތުން މިޔަރުގެ ބާވަތްތައް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5،000 ރުފިޔާ އާއި 400،000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން