ދިވެހީންނަށް ބޭނުންވާނީ ދިވެހި ޤައުމިއްޔަތެވެ. ދިވެހީންގެ ދީނާއި ދިވެހީންގެ ސަގާފަތެވެ. ދިވެހީންގެ ރީތި އާދަކާދައެވެ. މި ޤައުމިއްޔަތުގައި އެކުލެވޭ އެއްބައިވަންތަކަމާއި އަމާންކަމެވެ. އެހެންނަމަވެސް އާ ޤައުމިއްޔަތެއް ދިވެހީންނަށް ގެނެސްދެއްވާނެ ވާހަކަ މިއީ "ބޭފުޅެއް"ގެ ވަޢުދެކެވެ. ބައެއް މީހުންނަށް މިއީ ވަރަށް މޮޅު ވަޢުދެއްކަމަށް ވެގެން ވެސް އުޅުނެވެ. ނަމަވެސް އެއީ ވަރަށް ނުރައްކާތެރި އެހާމެ ބިރުވެރި ވާހަކައެއްކަމަށް ދުށް ބަޔަކު ވެސް އުޅުނެވެ. އަޅުގަނޑު ވެސް ހިމެނުނީ ފަހުން މި ދެންނެވި ބައިގައެވެ.
މިއަދު މި އާ ޤައުމިއްޔަތުގެ "ފަތިސް" ރާއްޖެއަށް "އަންނާން" އުޅޭކަމުގެ ކުލަތައް އުދަރެހުން ފާއްދައިލައިފިއެވެ. އެ ކަމުގެ ނުރައްކާތެރި ޑަނޑޫރާގެ އަޑު މި ދުވަސްވަރު ވަރަށް ގަދަވެއްޖެއެވެ. މި އާ ޤައުމިއްޔަތުގެ އެންމެ ފުރަތަމަ މަރުޙަލާގެ ވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދެއްކޭ އަޑު އިވޭން ފަށައިފިއެވެ. ފުރަތަމަ މަރުޙަލާއޭ މި ދެންނެވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދިވެހި ރައްޔިތުކަމުގެ ޙައިސިއްޔަތު (ނުވަތަ ރަށްވެހިކަމުގެ ވީޒާ) ދޭން "ވެރީން" ބާރުއަޅުއްވައިގެން މަސައްކަތްކުރައްވާ ވާހަކައަށެވެ. އޭގެ ފަހުން ފުރިހަމަ، އެކަމަކު އާ ޤައުމިއްޔަތުގެ ދިވެހި ރައްޔިތުންނަށެވެ.

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނީމާ އާ ޤައުމިއްޔަތެއް އަންނާނީ ކިހިނެއްތޯއެވެ؟ މިއީ ތިޔަ ބޭފުޅުން ކުރައްވައިފާނެ ސުވާލެކެވެ. ނަމަވެސް މިއީ ޖަވާބު އަރުވާން އުނދަގޫ ސުވާލެއް ނޫނެވެ. އެހެންކަމުން ތަންކޮޅެއް ދިގުކޮށްނަމަވެސް މި ސުވާލުގެ ޖަވާބު އަރުވާނަމެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކޮށް ނުދެއްވިއްޖެ ނަމަ، އިސްތިއުފާ ދެއްވާނެ ވާހަކަ "ބޭފުޅަކު" ވިދާޅުވެ އެ ފަދަ މީހުން ގަލޮޅު ޤައުމީ އިސްޓޭޑިއަމަށް އެއްކުރެވުނު ތަން ވެސް ފެނުނެވެ. ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އިޖުތިމާޢީ އަދި ޤައުމީ މައްސަލައެއްގެ ޙައްލު ފެންނަނީ ކަމަށް އަޅުގަނޑުމެންނަށް އިޙުސާސްކުރެވި ހިތުގެ އަޑީން ޝުކުރުވެރިވެވުނެވެ. ހަގީގަތުގައި މި މައްސަލަ ޙައްލުކުރުމަށް ޓަކައި ކުރާންވީ ކަމަކީ، ވަރަށް ފަސޭހަ ކަމެކެވެ. (މަސައްކަތު ހުއްދަ، ކާކުކަން އަންގައިދޭ ކާޑު، ޕާސްޕޯޓު ފަދަ) ރަސްމީ ލިޔުމެއް ނެތި އުޅުމަކީ ކުށެއް ކަމަށް ޤާނޫނީ ގޮތުން ހަމަޖެއްސުމެވެ. އޭރުން ރާއްޖެ އައިސް ޕާސްޕޯޓް ވީދައިލާކަށް ހަމަ އެކަކަށް ވެސް ނުކެރޭނެއެވެ. ހަމަ ގައިމު ވެސް ކޮންމެ މީހަކު ވެސް ރާއްޖެ އެތެރެވާނީ ރަސްމީ ލިޔެކިޔުން ހުރެގެންކަމަށް ގަބޫލުކުރެވެއެވެ. ވީމާ މި ފަދަ ލިޔެކިޔުން އަތުގައި ނެތުމަކީ އެއީ އެ މީހުންނަށް އިނާމު ދޭންޖެހޭ ކަމެއް ނޫނެވެ. އެއީ ޢުޤޫބާތް ދޭންޖެހޭ ކުށެކެވެ. ދުނިޔޭގެ އެހެން ތަންތާގައި ވެސް މި ކަން އޮންނަނީ މިހެންނެވެ. އަދި ބުއްދީގެ ހަމައިން ބަލާ ނަމަ ވެސް މިކަން އޮންނާން ޖެހޭނީ ވެސް މި ގޮތަށެވެ. ބޭރު ކަރައެއްގައި ދިވެއްސަކު މުއްދަތު ހަމަވެފައި އޮތް "ދަރިވަރެއްކަން އަންގައިދޭ ކާޑު"ގެ މުއްދަތު ހަމަވެފައި އޮވެގެން އޭނާ ވަގުތުން ޖޫރިމަނާ ކުރިތަން އަޅުގަނޑަށް ވެސް ވަނީ ފެނިފައެވެ. ޒިންމާދާރު ޙުކޫމަތްތަކުގައި ކަންކުރާ ގޮތަކީ މިހިރީއެވެ. ނަމަވެސް ދިވެހިރާއްޖެއަކީ....................
ކޮންމެއަކަސް މިއަދު މި އިވޭންފެށި ނުރައްކާތެރި އަޑަކީ ރާއްޖޭގައި އުޅޭ ބިދޭސީންނަށް ދާއިމީ ރަށްވެހިކަން (ނުވަތަ ރެސިޑެންޓް ވީޒާ) ދޭ ވާހަކައެވެ. ނުވަތަ ރައްވެހިކަން ދޭ ވާހަކައެވެ. މިއީ ދިވެހި ތާރީޚުގައި ވެސް އަޅުގަނޑަށް އިވިފައިވާ މި ފަދަ އެންމެ ނުރައްކާތެރި އެއް ވާހަކައެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ހަތަރުލައްކައާ ކައިރިކުރާ ޢަދަދަކަށް އާބާދީ އޮތް ކަމަށް ބެލެވޭ މި ދިވެހިރާއްޖޭގައި ދޮޅު ލައްކައެއްހާ ބިދޭސީން އެބަ އުޅޭ ކަމަށް އިވެއެވެ. އަދި (ޕާސްޕޯޓް ވީދައިލައިގެން) ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު ވެސް ލައްކައަކާ ކައިރިކުރާ ކަމަށް މީޑިއާއިން މަޢުލޫމާތު ލިބެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބަންގާޅީން ކަމަށް ވިޔަސް ހިންދީންނާއި ސިންގަޅައިންނާއި ޕިލިޕީނީންނާއި އަދި އެހެން ކަރަކަރައިގެ މީހުންވެސް އުޅެއެވެ. މި ފަދަ މީހުންގެތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރެވޭން އޮތީ އެ މީހުންނަށް ދެވޭ "އިނާމެއްގެ ގޮތުން" އެމީހުން ދިވެހި ރަށްވެހިންކަމުގައި ހަދައިގެން ކަމަށާއި ދިވެހި ދައުލަތުން ރިއާޔަތާއި ޢިނާޔަތާއި ޙިމާޔަތް ލިބެން ޖެހޭ ދިވެހި ރައްޔިތުންނަށް ހަދައިގެން ކަމަށް "ވެރިޔާ" ދެކެވަޑައިގަތުމަކީ ހާދަހާ ނުރައްކާތެރިކަމެކެވެ. މިއީ ޙައްލެއް ނޫނެވެ. މިއީ އިޖުތިމާއީ، އަހުލީ، ޤައުމީ، އިޤްތިޞާދީ، ބޮޑު މައްސަލައެއް ދާއިމީ ގޮތުގައި އުފެއްދުންކަމަށް ނޫނީ ނުވާނެއެވެ.
ފިކުރުކޮށްލައްވާށެވެ! އިތުރު ލައްކައެއްގައި މީހުން ދިވެހި ރައްޔިތުންނަށް ހަދައިފި ނަމަ، އެ އެންމެންނާއި އެ މީހުންގެ އަނބިދަރީންނަށް ދިވެހިރާއްޖެއިން ބޯހިޔާވެހިކަން ދޭން ދައުލަތަށް ލާޒިމުވާނެއެވެ. އެހެނީ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް އޮންނަ ހުރިހާ ޙައްޤުތަކެއް އެ މީހުންނަށް ވެސް އޮންނާނެއެވެ. ވިއްސަކަށް ތިރީހަކަށް ހާސް މީހުންނަށް ބޯހިޔާވަހިކަން ހޯއްދަވައިނުދެއްވިގެން އުޅުއްވާ އިރު، މިއީ ދިވެހި ދައުލަތަށް އުފުއްލެވޭނެ ބުރައެއް ތޯއެވެ؟ މި ދެންނެވި ލައްކައެއްހާ މީހުން، ދިވެހިރައްޔިތުންނަށް ހަދައިގެން އެ މީހުންގެ އަނބި ދަރީންނާއެކު އިތުރު ދޮޅު ލައްކައެއްހާ މީހުން ދިވެހި ރައްޔިތުންނަށް ހެދުމުގެ މާލީ ގާބިލުކަން، ދިވެހި ދައުލަތަށް ލިބިގެންވާކަމާ މެދު، ސުވާލު ނުފެދޭތޯއެވެ؟ މި އެންމެންގެ ދަރީން ވައްދާނެ އިސްކޫލުތައް ރާއްޖޭގައި އެބަހުރިތޯއެވެ؟


މިވަރަކުން ނުފުދެއެވެ. މިހުރިހާ ޚަރަދުތަކުގެ އިތުރަށް، އާބާދީއަށް އިތުރުވާ ދޮޅު ލައްކައެއްހާ "އާ ޤައުމިއްޔަތު"ގެ ރައްޔިތުންނަށް، އެހެން ރައްޔިތުންނެކޭ އެއްފަދައިން، ސިއްހީ ޚިދުމަތްތައް ވެސް ފޯރުކޮށްދޭން ޖެހޭނެއެވެ. އާސަންދައާއި ޢުމުރުން ދުވަސްވާ މީހުންނަށް ދޭންޖެހޭ ޢިނާޔަތާއި އެކަނިވެރި މައިންނަށް ދޭ ފައިސާ ފަދަ ޚަރަދުތައް އެ މީހުންނަށް ވެސް ކުރާންޖެހޭނެއެވެ. އަދި މި އެންމެންނަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި އިތުރު ހޮސްޕޓަލުތައް ޤާއިމުކުރާންޖެހޭނެއެވެ. މިކަމުގެ ޤާބިލުކަން ދިވެހި ދައުލަތުގެ މާލިއްޔަތުގައި ނެތަމަ، އެކަމުގެ އުނދަގޫ ތަޙައްމަލުކުރާންޖެހޭނީ އާ ޤައުމިއްޔަތުގެ ރައްޔިތުންނާއި ދިވެހި ޤައުމިއްޔަތުގެ ރައްވެހީން ހަމަ އެއް މިންވަރަކަށެވެ. ކުއްލިއަކަށް އިތުރުވާ އެތައް ހާސް ކުދީންނެއް ވައްދާނެ އިތުރު އިސްކޫލުތައް ފުލުފުލުގައި ބިނާކުރާންޖެހޭނެއެވެ.
އަދި މިވަރަކުން ވެސް ނުފުދެއެވެ. ދިވެހި ރައްޔިތުން ކަމަށް ހަދާން ބޭނުންވާ، މި ލައްކަ އެއްހާ މީހުންގެ ތެރެއިން ގިނަ މީހުންގެ ހަމަ ގައިމު ވެސް ދީނެއް އޮންނާނެ އެވެ. މި އެންމެނަކީ މުސްލިމުންނަކަށް ވެސް ނުވާނެއެވެ. އެމީހުންގެ ތެރޭގައި ހިންދީންނާއި ބުދުދީނީންނާއި ނަސާރާއިންނާއި އެހެން ދީންތަކުގެ އަހުލުވެރީން ވެސް ތިބުމުގެ އެކަށޭނަކަން އޮންނާނެއެވެ. އެހެން ވެއްޖެ ނަމަ، ރާއްޖޭގައި އެމީހުންގެ ދީނީ ހައްގު ފުރިހަމަ ކުރެވޭނޭ ގޮތްތައް ހަމަޖެއްސިފައި އޮންނަން ޖެހޭނެއެވެ. އެހެން ރައްޔިތުންނަށް މިސްކިތްތައް އަޅައިދޭ ފަދައިން، އެމީހުން އަޅުކަންކުރަން ބޭނުންވާ ތަންތަން، ދިވެހި ދައުލަތުން އަޅައި ދޭން ޖެހޭނެއެވެ. އަނެއްކާވެސް އިތުރު ޚަރަދެކެވެ. އަދި، އިޖުތިމާއީ އިތުރު ހަމަނުޖެހުންތަކެކެވެ. މި ކަމުގެ ބޭނުމަކީ މިހާރު ފެންމަތިވެފައިވާ އެމްޑީއެން އާއި އުތެމައިން އެ އެދޭފަދަ ޙައްލެއް ހޯދައިގެން ރާއްޖޭގައި އާ ޤައުމިއްޔަތެއް ޤާއިމުކޮށް "ވަކި މީހަކަށް" ޢާލަމީ އެވޯޑެއް ހޯދުންކަމަށް ވާނަމަ، އެކަން ވެދާނެއެވެ. އެކަމަކު ދިވެހި ޤައުމިއްޔަތެއް ނޯންނާނެއެވެ. ދިވެހި ޤައުމިއްޔަތުގެ ރައްޔިތުންނަށް ކުރިމަތިވާނީ ފޫނުބެއްދޭ ފަދަ މުޞީބާތެވެ.

ދިވެހި ޤައުމަށް ކޮންމެ ގޮތެއް ވިޔަސް މިއީ މި ދެންނެވި އެންމެންގެ ރުހުމާއެކު އެ މީހުން ދިވެހި ރައްޔިތުންނަށް ހައްދަވައިގެން އެ މީހުންގެ ވޯޓާއެކު ވެރިކަން ހޯއްދެވުމުގެ ނުވަތަ ވެރިކަން ދިފާޢުކުރެއްވުމުގެ ވިސްނުންފުޅުގައި ކުރައްވާ ކަމެއް ނަމަ، އެއީ ވަރަށް ބޮޑު ކުށް ހީފުޅެކެވެ. މި އެންމެންނަކީ ވޯޓުދޭ ޢުމުރުގެ މީހުންކަމަށް ވާއިރު، އެ މީހުން ބޭނުންވާނީ ރާއްޖޭގެ ވެރިކަމަށް ވެސް، އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ މީހުންގެ ދަރިކޮޅުގެ މީހުން ގެންނާންކަން ވިސްނިވަޑައުނުގަންނަވަނީތޯއެވެ؟ ދިވެހި ރައްޔިތުންނަށް ދިވެހި ޤައުމިއްޔަތަށް ކުލުނެއް ނެތް މީހަކު، އެ ވިދާޅުވާ "އާ ޤައުމިއްޔަތަށް" ކުލުނު ހުރެދާނެ ކަމަށް، އެ "އާ ޤައުމިއްޔަތުގެ" ދިވެހި ރައްޔިތުންނަށް ގަބޫލުކުރެވޭނެތޯއެވެ؟ ނޫނެކެވެ. އެ މީހުން ވިސްނާނީ އެ މީހުންގެ ޤައުމިއްޔަތު ކުރިއަރުވާށެވެ. އެ މީހުންގެ ތެރޭގައި އެ މީހުންގެ އަސްލު ވަޒަނުގައި ފަގީރުން ކިތަންމެ ގިނަޔަސް ފައިސާވެރީން ވެސް އެހާ ގިނައެވެ. އެ މީހުން ވެސް އެ މީހުންގެ ޤައުމިއްޔަތު ފުޅާކުރާން ޚަރަދުކޮށް ވޯޓު "ގަންނާކަށް" ފަހެއް ނުޖެހޭނެއެވެ. ނަތީޖާއަކަށް ވާނީ ދިވެހި ރާއްޖޭގެ ބާރުތަކަށް "އާ ޤައުމިއްޔަތު"ގެ ރައްޔިތުން ވެރިވުމެވެ. ދިވެހިރާއްޖޭގައި ދިވެހީން ބީރައްޓެހީންނަށްވުމެވެ.

ދެން އޮތީ އަދި މާ ބޮޑު މައްސަލައެކެވެ. މި ދެންނެވި "އާ ޤައުމިއްޔަތު"ގެ ދިވެހިރައްޔިތުން، ޤައުމުގެ ބާރުތަކާ ޙަވާލުވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކަށް ދިވެހިބަސް ލިޔެކިޔާކަށް ނޭނގޭނެއެވެ. އެހެންކަމުން ރަސްމީ ލިޔެކިޔުންތަކާއި ޝަރުޢީ ނިޒާމުގެ ބަހަކީ ދިވެހިބަސް ކަމުގައި އޮންނަ އޮތުން ނިމުމަކަށް އަންނާނެއެވެ. އޭރުން ޝަރުޢީ ދާއިރާގައްޔާއި "ބޮޑުގޭގައި" ތިބޭނީ "އާ ޤައުމިއްޔަތު"ގެ ދިވެހިރައްޔިތުންނެވެ. އެ މީހުންގެ ބަހަކީ ރަސްމީ ބަހަށް ހެދުމުގެ ފުރުޞަތު އޭރުން ފަހިވެފައި އޮންނާނެއެވެ. ހަގީގީ ރައްޔިތުންނަކީ އަމިއްލަ ފަސްގަނޑުގައި ބީރައްޓެހީންނަށްވާނެއެވެ. ދިވެހި ޤައުމިއްޔަތުގެ ޝަރަފު ކަމުގައިވާ ދިވެހިބަސް މަރުވެގެން ދާނެއެވެ. އެއާއެކު ދިވެހި ތާރީޚާއި ސަގާފަތާއި އަމިއްލަ ވަންތަކަން އަބަދުގެ އަބަދަށް ވަޅުލެވޭވެއެވެ.

ސަގާފީގޮތުންނާއި އާދަކާދައިގެ ގޮތުން ތަފާތު ބޮޑު މިފަދަ ބައިބޯ އާބާދީއެއް، ދިވެހިރައްޔިތުންނަށް ހަދައިލުމުން، އަޞްލު ޤައުމިއްޔަތުގެ އަހުލުވެރީންގެ އިހުސާސުތަކާ އިދިކޮޅު އެތައް ކަންތައްތަކެއް ހިންގައިލުމުގެ ފުރުޞަތު ފަހިވެ އެ ކަންކަމަށް ޝަރުއީ ސިފަ ލިބިގެން އެ ކަންކަން ހިންގައިލާން ފަސޭހަވާނެއެވެ. އެމްޑީއެން އާއި އުތެމައިގެ ހަގީގީ މަގުޞަދު ޙާޞިލުވާނެއެވެ. މި "އާ ޤާއުމިއްޔަތު"ގެ އެއް ބޭނުމަކީ މިއީ ކަމަށް ވެސް ވެދާނެއެވެ.
މި ފަދަ ބޮޑު ނުރައްކަލެއް ދިވެހީންނަށް ކުރިމަތިކުރުވާ ވާހަކަދައްކާއިރު، ޤައުމުގެ ޤާނޫނީ ވެރިޔާ ކޮބައިބާވައެވެ! ޤައުމުގެ އިސްލާމީ ވަޙުދަތާއި އިސްތިޤްލާލު ޙިމާޔަތްކުރުމުގެ ވާޖިބާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ވީ ކޮންތާކުބާވައެވެ! ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅަށް "އާ ޤައުމިއްޔަތަށް" މި ދަތުރު ފެއްޓެވީ އެ ބޭބޭފުޅުންގެ ރުހިވަޑައިގަތުމާ އެކީގައިބާވައެވެ! ހަމަގައިމު ވެސް އަޅުގަނޑުމެން އާންމު ރައްޔިތުން ވެރިޔަކު އިންތިޚާބުކޮށް، އާންމު ރައްޔިތުންގެ ޓެކުސް ފައިސާއިން، ބޮޑު މުސާރައާއި ޢިނާޔަތްތައް އަރުވަނީ ދިވެހީންގެ ދީނީ ވަޙުދަތާއި ޤައުމީ ސިޔާދަތު ދިފާޢުކޮށް ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރެއްވުމުގެ މަސްއޫލިއްޔަތާ އެކީގައެވެ. ވެރިކަމުގެ ބާރާ ހަވާލުވެވަޑައިގަތީ އެކަމަށް މާތް ﷲ ގަންދެއްވައި ހުވައިކުރައްވައިގެންނެވެ. ނަމަވެސް އަޅުގަނޑުމެން ދުރުތިބީންނަށް ފެންނަނީ އެމަނިކުފާނުގެ މައްޗަށް އެހެން "ވެރިޔަކު" ވެރިކަން ހިންގަވާ ތަނެވެ. ޤައުމިއްޔަތު ފުޑިގެން ދާއިރު ވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅު ނުވާ ތަނެވެ. އެއް "އަމާޒެއް" ކަމަށް ވީމާ ވާގޮތް ބާވައެވެ. ހަމަ ގައިމު ވެސް މިއީ "ގުޅިގެން" އެއް އަމާޒެއްގައި ދުރު ރާސްތާގެ ރޭވުމެއްގެ ދަށުން ކުރެވޭ ކަމެއް ކަމުގައި ނޫނީ ދުރުތިބީންނަކަށް މާނައެއް ނުކުރެވެއެވެ. މިއީ މިއޮއް ބޮޑު ކަންތައް ހިނގަމުން ދާއިރު ވެސް "ހަނު ހުންނެވުމުން" އަޅުގަނޑުމެންނަށް ކުރެވޭ ތަރުޖަމާއެވެ. އަދި "ޢަމަލީ ވެރިޔާ"ގެ ބާރުން ފާސްކުރައްވާ ކޮންމެ ފާސްކުރެއްވުމެއް ޤާނޫނަކަށް ހެއްދެވުމަށްޓަކައި އުފަލާއެކު ސޮއިކޮށްލައްވައި ތަޞްދީޤުކުރައްވަމުން ގެންދެވުމުން މި ނޫން ތަރުޖަމާއެއް ކުރެވޭނެ ތަނެއް ވެސް ނެތެވެ.
ކޮންމެއަކަސް މިއަދު މިވަނީ ދިވެހި ޤައުމިއްޔަތުގެ މައްޗަށް "އާ ޤައުމިއްޔަތު"ގެ ހިޔަނި އެޅިފައެވެ. ދިވެހިބަހާއި އިޖުތިމާޢީ ހަމަޖެހުމަށް މި ވަނީ ނުރައްކާތެރި ޙަމަލާއެއް އަމާޒުވެފައެވެ. އެތައް ސަތޭކަ އަހަރެއް ވަންދެން އެއް ޖީލުން އަނެއް ޖީލަށް ވާޞިލުވަމުން އައި ދިވެހީންގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލު މިއަދު މިވަނީ ސުވާލެއްގެ ތެރޭގައެވެ. ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ޙަވާލުކުރި ޤައުމީ އަމާނާތްތައް "އާ ޤައުމިއްޔަތު"ގެ ރޯޅީގައި، (ދިވެހީން ދެކޭން ބޭނުން ނުވިޔަސް) ބުރައިގެންދާން އުޅޭ ކަމުގެ ބިރުވެރި އިޙުސާސް އަޅުގަނޑުމެންނަށް ކުރެވޭން ފަށައިފިއެވެ. އެ ބިރުވެރި އަޑުފަށްގަނޑު ކަންފަތްދޮށުގައި ގަދަވާން ފަށައިފިއެވެ. އަދިވެސް ކުޅިބަލާން ދިވެހީން ހަމަ ތިބެންވީތޯއެވެ؟ އަޅުގަނޑުމެންގެ ޒިންމާއެއް ނެތީބާވައެވެ! ނޫސްވެރީންނަށް ލިބޭ ވަގުތީ ފައިދާއަށް ޓަކައި ތުންބައްދައިގެން އަތްބަނދެގެން ތިބޭ އިރު، މި ބޯމަތިވާ ނުރައްކާތެރި ވިލާގަނޑު ރޫޅައިލާ ހިނދު، އެ ކޮޅިގަނޑުގެ ޠޫފާނީވަޔާއި ބޯވާރޭގައި ނުޖެހި ސަމާތް ވާނެ އެންމެ ދިވެއްސަކު ވެސް ނުހުންނާނެކަން ވިސްނިވަޑައި ނުގަންނަވަނީތޯއެވެ! ސިއްކިމާއި ބޫޓާނު ފަދަ ތަންތަނަށް މެދުވެރިވި ޙާލަތު ދިރާސާ ނުކުރައްވަންތޯއެވެ! (އަޅުގަނޑުމެން އެންމެން ވެސް ހިމެނޭ ގޮތަށް) ދިވެހި ފަސްގަނޑުގައި ދިވެހީން ބީރައްޓެހީންނަށް ވާތަން ބަލާން ހަމަ އަޅުގަނޑުމެން ވިސްނުމެއް ފިކުރެއް ނެތި ތިބޭންވީތޯއެވެ!

މި ކަމުގެ ޙައްލަކީ ކޮބައިތޯއެވެ! މި ކަމުން ސަލާމާތްވާން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ހޭލުންތެރިވުމެވެ. ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލާ މެދު ހަމަ ކޮންމެ ރައްޔިތަކުމެ، ވިސްނައިވަޑައިގަތެމެވެ. ވޯޓު ގަނެވިއްކުމުގެ އަވައިގައި ޖެހިވަޑައިނުގަތުމެވެ. ތާކުންތާކުނުޖެހޭ ހުސް ވަޢުދުތަކަށް ހެއްލިވަޑައިނުގަތުމެވެ. ދީނާއި ޤައުމަށް ޚިޔާނާތްތެރި ނުވާނޭ މީހުންނަށް ވޯޓުދެއްވުމެވެ. މި ކަން ދެނެވަޑައިގަންނަވާނީ ކެންޑިޑޭޓުންގެ "ޓްރެކްރެކޯޑް" ބައްލަވައިގެންނެވެ. ސިޔާސީވުންކަމަށް ބަލައިގެން އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާ މީހެއް ނަމަ، އެއީ ހަރުދަނާކަމެއް ނެތް މަކަރުވެރިއެއް ކަމަށް ވުމުގެ ޖާގަ އޮންނާނެއެވެ. އެހެނީ ޑިމޮކްރެސީއަކީ ވެސް އޮޅުވައިލުމާއި މަކަރުވެރިކަމަށް ކިޔާ ނަމެއް ނޫނެވެ. ދޮގު ވަޢުދުވާ ނަމަ، ނުވަތަ ދޮގުހެދުމަކީ އާދައެއް ކަމުގައި ހަދައިފި ނަމަ، އެއީ މުނާފިޤެއްކަމަށް ވެދާނެ މީހެކެވެ. މީހަކު ވަޢުދެއް ވެއްޖެ ނަމަ، އެއީ ފުއްދޭނެ ވަޢުދެއްތޯ ވިސްނައިވަޑައިގަންނަވާށެވެ! ހުސް، ހޮޅި، ހޮއި ވަޢުދަށް ހެއްލިވަޑައިނުގަންނަވާށެވެ! އެ ވަޢުދު ފުއްދާނެ ގޮތާއި އެ ކަން ކުރާން ރާވައިފައިވާ ޕްލޭން ހާމަކުރާން އެދިވަޑައިގަންނަވާށެވެ! މީގެ ކުރީން ޢަމަލީ މައިދާނުގައި އެމީހަކު ދައްކައިފައިވާ ހަގީގީ ނަތީޖާއަށް ރިޢާޔަތްކުރައްވާށެވެ! އެ މީހެއްގެ ތަޢުލީމީ ފެންވަރަށް ވިސްނައިވަޑައިގަންނަވާށެވެ! ނަމަވެސް ތަޢުލީމީ ފެންވަރު ހަމައެކަނި ބަލާ މިންގަނޑަކީ ހޯދައިފައިވާ ކަރުދާސްތައް އެކަނި ނޫންކަން ވެސް ދެނެވަޑައިގަންނަވާށެވެ! އެއީ ވެސް ތަޢުލީމީ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. ނަމަވެސް މީހެއްގެ ތަޢުލީމީ ފެންވަރު ވަޒަންކުރާން އެންމެ ރަނގަޅު އާލާތަކީ އޭނާގެ ޢަމަލާއި ބަހެވެ. މާޒީގައި އޭނާ ކޮށްދީފައިވާ ޚިދުމަތާއި ޙާޞިލުކޮށްފައިވާ ނަތީޖާއެވެ. އޭނާގެ ޚިދުމަތުގެ ފުންމިނާއި ފުޅާމިނެވެ. މީހަކު މަޤާމަކަށް ހޮވާން ވޯޓުދޭ އިރު މި ކަންކަމަށް ވިސްނައިވަޑައިގަންނަވާށެވެ! މި ކަންކަމަށް ވިސްނައިވަޑައިނުގެން ހަމައެކަނި ދިއްކޮށްލާ މާލީ އެހީއެއްގެ އަވައިގައި ޖެހިވަޑައިގެން، ޤައުމީ ވިސްނުމެއް ނެތް، (މި ދެންނެވި ފަދަ) "ޖާހިލުންނަށް" ވޯޓު ދެއްވައިފި ނަމަ، އަޅުގަނޑުމެންގެ މުސްތަޤުބަލު އެ ހަލާކުކޮށްލެވެނީ އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުންނެވެ. ޖާހިލުންނޭ މި ދެންނެވީ ހަމައެކަނި ތަންދޮރު ނުދަންނަ މީހުންގެ ވާހަކައެއް ނޫނެވެ. ޖާހިލުންނޭ މި ދެންނެވީ ހަމައެކަނި ޢާލިމްގެ އިދިކޮޅު މާނައިގައެއް ވެސް ނޫނެވެ. ގޮތެއްފޮތެއް ނެތްކަމުގެ މާނައިގައެވެ. ރީތި އަޚުލާޤީ، ސުލޫކީ މަދަނީ ސިފަތައް ނެތުމުގެ މާނައިގައެވެ. އަދަބެއް ސަދަބެއް ނެތުމުގެ މާނައިގައެވެ. ޙިލްމެއް ނެތުމުގެ މާނައިގައެވެ. ޙިލްމުގެ ލަފުޒީ މާނައަކީ ރުޅިމަޑުކަމާއި ރުޅި ކޮންޓްރޯލްކުރުމުގެ ބާރުހުރުން ކަމަށް ވިޔަސް ރުޅި ކޮންޓްރޯލްކުރެވޭނީ ރީތި އަޚުލާޤާއި މަތިވެރި ސުލޫކާއި މަދަނިއްޔަތުގެ ސިފަ ލިބިފައި މީހުންނަށް ކަމަށް ވާތީ ޙިލްމުގެ މާނައިގެ ތެރޭގައި މި ސިފަތައް ހުރުން ވެސް ހިމެނެއެވެ. ދިވެހީން "ޢިލްމެއް ހުއްޓަސް ޙިލްމެއް ނެތިއްޔާ މީހުންގެ ތެރެއަކު ނޫޅެވޭނެޔޭ" ބުނަނީ މި މާނައިގައެވެ.
ވީމާ އަޅުގަނޑުމެންގެ ކަންކަން ނިންމާން އަޅުގަނޑުމެން ވޯޓުދޭ މީހުންނަނީ މި ދެންނެވި އެއްވެސް މާނައެއްގައި ޖާހިލުންގެ ގިންތީގައި ހިމެނޭ ބަޔަކަށް ނަހަދާންވީއެވެ. ކުރިއަށް އޮތް ލޯކަލްކައުންސިލުގެ އިންތިޚާބުގައި ވެސް އަދި ދެން ކުރިއަށް ހުންނަ އެހެން އިންތިޚާބުތަކުގައި ވެސް ރައްޔިތުން މި އުޞޫލުން ބައްލަވައިގެން ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދެއްވައިފި ނަމަ، އަޅުގަނޑުމެންގެ މުސްތަޤުބަލު އަދި ސަލާމަތްކުރެވިދާނެއެވެ. އެހެނީ ކާނަލް ގައްޛާފީ ވިދާޅުވާ ގޮތުން "ޑިމޮކްރެސީގައި ރައްޔިތުންނަށް އޮންނަ ހަމައެކަނި ހައްގަކީ ވޯޓުލުން" ކަމަށްވާތީ އެވެ. އެ ޙައްޤުގެ ބޭނުން އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ނުހިފިއްޖެ ނަމަ، ޑިމޮކްރެސީ ވެސް، އަޅުގަނޑުމެންގެ ކުރިމަގު ވެސް، އެ ވައްޓައިލެވެނީ ފުންމިން ނޭނގޭ އަނދަވަޅަކަށެވެ. ދިވެހި ޤައުމުގައި ދިވެހީން ބީރައްޓެހީންނަށްވެ، އާ ޤައުމިއްޔަތެއް އުފަންވެގެންދާނެއެވެ. މިއީ ވަރަށް ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު