ރ. ފައިނުގައި ތަރައްޤީ ކުރި ލައިބްރަރީ
ރ. ފައިނުގައި ތަރައްޤީ ކުރި ލައިބްރަރީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ.

ރ. ފައިނުގެ ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓް ގެ ދަށުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުންނަ އިމާރާތުގައި ވަނީ އާންމުންނަށް ބޭނުންކުރުމަށް ލައިބްރަރީއެއް ހުޅުވާފައެވެ.

މި ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުމެވެ. މި ލައިބްރަރީގައި ތަފާތު ފޮތްތައް ހިމަނައި، ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު މީގެ އިތުރުން ލައިބްރަރީގައި ވަނީ ކޮމްޕިއުޓަރ ލެބެއްވެސް ގާއިމްކޮށްފައެވެ.

މިގޮތުން ދަރިވަރުން ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާރޗް މަސައްކަތް ކުރުމަށް 3 ކޮމްޕިއުޓަރ ސިސްޓަމް ވަނީ ބަހައްޓާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ކޮމިއުނިޓީ ސެންޓަރ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެ. އަދި ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ 3 ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބަހައްޓައި، ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާރސް (ފޭސް) ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ "ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރ ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާ އަދި މިޖަމިއްޔާއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށްބޮޑު އެހީއަކަށްވެގެންދާނެ. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް މިޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ." ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން