މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސީޕީ ޙަމީދު
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސީޕީ ޙަމީދު
މާލޭގައި ހިންގަމުންދިޔަ 44 ޑްރަގް ކެފޭ ރެއާއި ހަމައަށް ބަންދު ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަމުން ސީޕީ ޙަމީދު މިއަދު ވިދާޅުވީ، މިހާތަނަށް މާލޭގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުން ގެންދިޔަ 44 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓު އަމުރު ހޯދައިގެން އެ މަސައްކަތް ކުރުމަށް ދަތިތަކެއް ދިމާވާ ކަމަށާއި، އެހެންވުމުން ފުލުހުން އެފަދަ ކެފޭތައް ބަންދުކުރަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުން ލިބޭ ބާރުގެ ބޭނުން ކޮށްގެން ކަމަށް ޙަމީދު ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިންވެސް ވަނީ 25 ޑްރަގް ކެފޭއެއްބަންދުކޮށް އެތަންތަނަށް ޤާނޫނީ އިންޒާރު ދީފައެވެ. އަދި އެފަދަ ތަންތަނުގައި ސައްވީސް ގަޑިއިރު ފުލުހުން ދަނީ ޑިއުޓީ ކުރަމުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިމަހުގެ ދެވަނަ ދުވަހު ވިދާޅުވީ، ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ. ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރާ ދަޢުވާ އަކީ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލަތު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން ބުނެފައިވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން މިހާރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "މެތު" ރާއްޖޭގައި މިހާރު ޢާއްމުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން