އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ފަސޭހަކަމާއެކު ދޫވެގެންދާތީ، އެފަދަ މައްސަލަތަކާމެދު ސީރިއަސްވުމަށް ގޮވާލައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ފަސޭހައިން ދޫވެގެން ދިއުމަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާގެ މައްސަލައަށް އެ ނަތީޖާގެ އަސަރު ފޯރަފާނޭ ކަމެއް ކަމަށެވެ.

އެގޮތުން ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކޮށް، ދަޢުވާ އުފުލާ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއަސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދަޢުވާ ނުވެސް އުފުލޭނޭ ގޮތަށްކަން އެމްޑީޕީން ފާހަގަކުރެއެވެ.

"މިގޮތުން އެންމެ ފަހުން، ދަޢުވާކުރެވެން ނެތްކަމަށް ބަޔާންކޮށް ދޫކޮށްލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައި.އެސް.) ގެ ލީޑަރުގެ ގޮތުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވެ، ހަނގުރާމައަށް ދިވެހިން ފޮނުވުމަށް ރެކްރޫޓްކޮށް، ހަނގުރާމައަށް ދިވެހިން ފޮނުވަމުންދާކަމުގެ ތުޙުމަތުގައި ޙައްޔަރުކުރެވި، ދަޢުވާއުފުލިފައިވާ މީހެކެވެ. އަދި އެނާ އަކީ ބޭރުގެ ޤައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކުންނާއި ވޮޗްލިސްޓްގައި ވެސް ފާހަގަކޮށްފައިވާ ފަރާތެކެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް އޭނާ ވެސް ދޫކޮށްލާފައިވަނީ، ތުޙުމަތުކުރެވޭ ކުށުގެ ސީރިއަސް ކަމާއި ހެއްކާއި ޤަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫންކަމަށާއި އަދި ހައްޔަރުގައި ބަހައްޓަންޖެހޭ ހެއްކާ ޤަރީނާ ނެތުމުގެ މައްޗަށް ބިނާކޮށްވެސް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެއާ ޚިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާޢީ ޙުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ޤާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

"މިފަދަ ސީރިއެސް އަދި ބޮޑު ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު، މި ބާވަތުގެ ޤާނޫނީ ޙުއްޖަތެއްގައި ދޫވެދިއުމަކީ، ތަޙްޤީޤުކުރާ އިދާރާ ނުވަތަ ޕްރޮސިކިޔުޓަރ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ، ނުވަތަ ސީރިއެސް ވާންޖެހޭ މިންވަރަށް ޢަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކެމެވެ." އެމްޑީޕީން ބުނެފައިވެއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ޙަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދަޢުވާތަކާއި އެމީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އެހެންކަމުން ޓެރަރިޒަމުގެ ނުރައްކަލާމެދު ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން