ހުޅުމާލޭ ފިޔަވަތި
ހުޅުމާލޭ ފިޔަވަތި
ކޮންމެ ކޮންމެ މީހަކަށް ފިޔަވައްޗަކަށް ނުވަދެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެރޭ ކަންތައްތަކެއް ހިނގަމުންދިޔައިރު އެތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލައިގައި ލިޔުމުން ބަޔާން ދެއްވުމަށް އެލްޖީއޭއިން ވަނީ ޝުޖާއަށް އަންގާފައެވެ. ޝުޖާއު ލިޔުމުން ބަޔާން ދެއްވުމަށް އެލްޖީއޭއިން އަންގާފައި މިވަނީ އޭނާގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެންގުމުންނެވެ.

ޝުޖާއު ފިޔަވައްޗަށް ވަތް މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝިހާބު ވިދާޅުވީ، ފިޔަވަތީގައި ތިބެނީ ވަރަށް ނާޒުކު ހާލަތެއްގައި ތިބޭ ކުދިން ކަމަށާއި، އެހެންކަމުން މަގުމަތިން ދަމުން ދަމުން އެތަނަށް ވަދެލަން، ހިތަށް އެރުމުން ގޮސް ފިޔަވައްޗަށް ނުވަދެވޭނެކަމަށެވެ.

ޝިހާބު ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންވެސް ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ ނަމަ، ކުރައްވަނީ ފިޔަވަތީގެ ސީއީއޯއަށް ގުޅާ، އެތަނަށް ދާ ބޭނުން ބަޔާން ކުރުމަށްފަހު ހުއްދަ ހޯދައިގެން ކަމަށެވެ. ފިޔަވަތީގައި އެކި ހާލަތްތަކުގެ ކުދިން އެބަތިބި ކަމަށާއި، އެގޮތުން ނޭފަތަށް ހޮޅި ލައްވައިގެން ކާންދޭ ބަލި ކުދިންނާއި އެއް މަހުގެ ތުއްތު ކުދިން ވެސް އެތަނުގައި ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮންމެ ކޮންމެ މީހަކަށް އެތަނަށް ވަދެ ކުދިންނާ މުއާމަލާތުކޮށް ނުހެދޭނެ ކަމަށް ޝިހާބު ވިދާޅުވިއެވެ.

ޝުޖާއު ފިޔަވައްޗަށް ވަތް މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެކުލަވާލި ރިޕޯޓުގައިވެސް ޝުޖާއު އެތަނަށް ވަތްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ "ފިޔަވަތި"އަށް އޭނާ ވަދެވަޑައިގަތީ އެ ތަނުގައި ތިއްބެވި އިސްބޭފުޅުންގެ ހުއްދައާ އެކުކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރުމަށްފަހު ޝުޖާއުގެ މައްސަލަ ބެލުމަށް އެލްޖީއޭއަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެލްޖީއޭއިން ޝުޖާއުއަށް ފޮނުވި ސިޓީގައި ބުނީ ޝުޖާއު، އެ ސަރަހައްދަށާއި މަރުކަޒަށް ވަދެވަޑައިގެން އެ ތަނުގައި އުޅޭ ކުދިންނާ ވާހަކަ ދެއްކެވުމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އަދި ފިޔަވައްޗަށް އާންމުންގެ ބަޔަކު ވައްދަން ވެސް ޝުޖާއު މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ.

އެހެންކަމުން އެކަމުގައި ކަން ހިނގާފައިވާ ގޮތާއި އެކަމާއި ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ފޮނުއްވުމަށް ޝުޖާއަށް އެލްޖީއޭއިން އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން