ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ނެޑް ޕްރައިސް
ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ނެޑް ޕްރައިސް
އަފްޣާނިސްތާނުގައި ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް އަތް ކެނޑުމާއި، ރަޖަމްކުރުން ފަދަ ހަރުކަށި އަދަބުތައް ދެވޭނެ ކަމަށް ތާލިބާނުންގެ ލީޑަރ ވިދާޅުވުމާއެކު އެމެރިކާއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތާލިބާނުންގެ ލީޑަރ މުއްލާ ނޫރައްދީން މިހެން ބުނެފައިވަނީ ދަ އެސޯސިއޭޓަޑް ޕްރެސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައެވެ. މިކަމާ ގުޅޭގޮތުން ޔޫއެސްގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ނެޑް ޕްރައިސް ވަނީ ތާލިބާނުންގެ ލީޑަރު ދެއްކި މިވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި އިންޓަރވިއުގައި މުއްލާ ނޫރައްދީން ބުނީ އެހެން ޤައުމުތަކުން ޤާނޫނުތައް ހަދައިގެން އުޅޭގޮތަށް އެމީހުން ފާޑުކިޔާފައި ނުވާނެ ކަމަށާއި، އެހެންކަމުން އެމީހުން ހަދާ ޤާނޫނުތަކަށް ވެސް އެއްވެސް ބަޔަކު ފާޑުކިޔައިގެން ނުވާނެކަމަށެވެ. އަދި ތާލިބާނުން ހަދާނެ ޤާނޫނުތައް އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ ތާލިބާނުންނަށް ކަމަށް މުއްލާ ނޫރައްދީން ބުނެފައި ވެއެވެ. މީގެ އިތުރުން ތާލިބާނުން އަމަލު ކުރަނީ އިސްލާމްދީނަށް ކަމަށާއި ޤާނޫނުތައް ވެސް ހަދާނީ ޤުރުއާނުގައި ވާގޮތަށް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް ރައްދު ދީ ނެޑް ޕްރައިސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައާއެކު އެމެރިކާއިން އޮތީ ބާރުގެ ބޭނުންކޮށްގެން ތާލިބާނުން ހިންގާ އެފަދަ ލާއިންސާނީ އަމަލުތަކަށް ބަލަންކަމަށާއި، އެކަންކަމަށް ތާލިބާނުން ޖަވާބުދާރީ ކުރުވާނެކަމަށްވެސް ޕްރައިސް ވިދާޅުވިއެވެ.

އެގޮތުން އަފްޣާނިސްތާނުގައި މިހާރު އެކުލަވާލާފައިވާ ތާލިބާން ސަރުކާރު ބަލައިގަތުން އޮންނާނީ ތާލިބާނުގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރަމުންދާ މިންވަރެއްގެ މައްޗަށްކަމަށާއި، ތާލިބާނުން ކުރަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާނެކަމަށާއި، ހަމައެކަނި ތާލިބާނުން ދައްކާ ވާހަކަތަކަށް ބަރޯސާވެ، އެ ވާހަކަތައް އެކަނި އަޑުއަހާލާފައި ދޫކޮށްނުލާނެކަމަށްވެސް ޕްރައިސް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން އެމެރިކާއިން ތިބުމަށްފަހު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެގައުމުގައި ތިބި އެމެރިކާ އާއި ބޭރު ގައުމުތަކުގެ ފައުޖުތައް ވަނީ ފައިބާފައެވެ. އަދި އެއާއެކު އަފްޣާނިސްތާނުގައި ވަނީ އަނެއްކާވެސް ޠާލިބާން ސަރުކާރެއް ގާއިމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން