ރައީީސް ޔާމީންގެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗް
ރައީީސް ޔާމީންގެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަރ ކުރުމުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު މެދުވެރިއެއްގެ ގޮތުގައި ބޭނުންކުރި އެސްއޯއެފްގެ މައްޗަށް ދަޢުވާ ނުކުރަން ނިންމާފައިވާކަމަށް ދަޢުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

ދަޢުލަތުން މިހެން ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޒްމިރަލްދާ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު އަރުވަމުންނެވެ. ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރަށްވާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެސްއޯއެފްގެ ތަހުގީގެއް ހިންގައި އެ ކުންފުންޏާއި އެ ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައިވޭތޯ ސާފުކުރުމަށެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެސްއޯއެފަކީ އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ވެހިކަލް ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރުމަށް އެކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާތީ އެ ކުންފުނީގެ މައްޗަށް ދައުވާނުކުރަން މިވަގުތަށް ނިންމާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ރައީސް ޔާމީނާއި, ދަޢުލަތަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ރައީސް ޔާމީން ވޮޑަމުލާގެ ފައިސާ ޖަމާކޮށްފައިވާ އެސްކްރޯ އެކައުންޓް 6 އޮކްޓޯބަރ 2015 ގައި ހުޅުވާފައިވާއިރު 8 އޮކްޓޯބަރ 2015 ގައި ވޮޑަމުލާ އެއްބަސްވުމުގައި ސޮއި ކޮށްފައިވާތީ އެކައުންޓް ހުޅުވި މަޤްސަދާމެދު ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން