މާލޭގައި ހިންގި ޑްރަގް ކެފޭއެއް
މާލޭގައި ހިންގި ޑްރަގް ކެފޭއެއް
އަމިއްލަގޭގައި "ޑްރަގް ކެފޭ" ހިންގުމުގެ ހުއްދަ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުވާލިބޭ މ. ބްރައިޓް ފްލާވަރ ޙުސައިން ޔޫސުފްވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ ޤާޟީ ވަނީ ވަކީލަކު ޢައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް އޭނާއަށް ދީފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު ކޮށްފައިވާ ދަޢުވާގައި، ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ. ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ދަޢުވާ ވަނީ އުފުލާފައެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރާ ދަޢުވާ އަކީ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލަތު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ އެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު 14 ގެ 11:00 ގައިކަމަށް މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބު ވަނީ ވިދާޅުވެފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން މިހާރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ އެކަމަށް ބޭނުންކުރަމުންއައި 34 ތަނެއް ބަންދުކޮށް އެ ޢިމާރާތްތަކުގެ ވެރިންނަށް ޤާނޫނީ އިންޒާރު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން