އެމްޑީޕީގެ ސަޕޯޓަރުން
އެމްޑީޕީގެ ސަޕޯޓަރުން
އެމްޑީޕީ ދާއިރާތަކުގެ އިންތިހާބާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ބުނެފައިވަނީ، އެމްޑީޕީ ދާއިރާތަކުގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން އިންތިހާބީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. އެގޮތުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 20:00 އާ ހަމައަށެވެ.



ޖުމްލަ 92،743 މީހުންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އިންތިހާބުގައި އެކި ރަށްތަކާއި މާލޭގައި 300 ވޯޓުފޮށި ބެހެއްޓިއެވެ. މި އިންތިހާބުގައި މުޅިއެކު 733 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

މި އިންތިހާބުގައި ޖުމްލަ 455 މަޤާމަކަށް މީހުން ވަނީ އިންތިހާބު ކޮށްފައެވެ. އޭގެތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭއިރު، ދާއިރާ، ޕްރޮވިންސް، އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީންވެސް ހިމެނެއެވެ.

އެމްޑީޕީގެ މިފަހަރުގެ އިންތިޚާބު ކުރިއަށް ދިޔައީ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދުގައި އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކު ދެފެކްޝަނަށް ބެހި ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައެވެ. އަދި އިންތިޚާބަށް ފަހު އިންތިޚާބުގައި ކާމިޔާބު ލިބުނުކަމަށް ބުނެ ދެ ފެކްޝަނުން ވެސް ގެންދަނީ ވަކާލާތު ކުރަމުންނެވެ. ގިނަ މަސްދަރުތަކުން ބުނާގޮތުން ބަރުލަމާނީއާއި ބަރުލަމާނީއާއި ދެކޮޅަށް ކުރެވުނު ކެމްޕޭންގެ ތެރެއިން ކުރިއަށް ދިޔަ މިއިންތިޚާބުގައި ކާމިޔާބު ލިބުނީ ބަރުލަމާނީއަށް ދެކޮޅަށް ނުކުތް ރައީސް ޞާލިހުގެ ފެކްޝަންގެ ކެންޑިޑޭޓުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން