ފޮޓޯ: ރާއްޖެ.އެމްވީ، ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުން ދިގު ކިޔޫއެއް ހަދާފައިވާ މަންޒަރު
ފޮޓޯ: ރާއްޖެ.އެމްވީ، ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުން ދިގު ކިޔޫއެއް ހަދާފައިވާ މަންޒަރު
އޮކްޓޯބަރ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ ދުވަހުގެ މެޗުތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން ވިއްކަން ފަށާފައެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތް ހުޅުވާ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެރޭ ބާއްވާއިރު، އެ ރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލެވެ. އަދި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ޓިކެޓު ގަންނަން ދިވެހި ސަޕޯޓަރުން މިއަދު ވަނީ ދަނޑު ކައިރީގައި ދިގު ކިއުއެއް ދަމާލާފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދޭ ގޮތުން މުބާރާތުގައި ކުޅޭ ކޮންމެ މެޗެއްގެ އެއް ދުވަސް ކުރިން އެ ކުޅޭ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް 100 ރުފިޔާއަށް ވިއްކާއިރު، ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް ވިއްކާނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އެހެންކަމުން ޓިކެޓް ވިއްކާނީވެސް ވެކްސިން ކާޑު އޮތް މީހުންނަށް ކަމަށާއި، މެޗަށް ވަންނައިރުވެސް ވެކްސިން ކާޑު ހިފައިގެން ދިއުމަށް އެފްއޭއެމުން އިލްތިމާޒްކުރެއެވެ. މީގެ އިތުރުން ޓިކެޓް ވިއްކާއިރު ކޮންމެ މީހަކަށް ގިނަވެގެން ވިއްކާނީ ފަސް ޓިކެޓް ކަމަށްވެސް އެފްއޭއެމުން މައުލޫމާތުދެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެއާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށް މުބާރަތުގެ ތަށި އުފުލާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން