އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު
އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު
ސާފް ޗެމްޕިއަންޝިޕް ފެށޭއިރު މިނިސްޓަރ މަހުލޫފް ވާނުވާގައި ބެހެއްޓުމަކީ އިހުމާލެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސަރަޙައްދީ އެންމެބޮޑު ފުޓުބޯޅަ ޢީދު، ސާފް ޗެމްޕިއަންޝިޕް މިއަދު ފަށާއިރު, ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް ހުންނެވީ ސަސްޕެންޝަންގައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަޙްލޫފަށް ދަޢުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުމުން ދަޢުވާނުކޮށް އެ މައްސަލަ ޕީޖީ އޮފީހުގައި ޕާކްކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު ވިދާޅުވީ, މިނިސްޓަރ މަޙްލޫފަށް ޒިންމާ އަދާނުކުރެވި މިފަދަ ބޮޑު މުބާރާތެއް ފެށުމަކީ ވަރަށްބޮޑު އިހުމާލެއް ކަމަށެވެ. އަދި މިއީ ވަރަށްބޮޑު ފަޅުކަމެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިނިސްޓަރ މަޙްލޫފް ވާނުވާގައި ބަހައްޓާފައި ހުންނަތާ 3 މަސް ވަނީ. މިހާ ގިނަ ދުވަހު ވަޒީރަށް ޒިންމާ އަދާ ނުކުރެވޭ ގޮތަށް ބެހެއްޓުމަކީ ޔޫތު މިނިސްޓްރީއަށް ވަމުންދާ ވަރަށްބޮޑު އިހުމާލެއް. ސާފް ޗެންޕިއަންޝިޕް ފެށޭއިރު މިނިސްޓަރ ނެތުމަކީ ފަޅުކަމެއް." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.



ސާފް ޗެމްޕިއަންޝިޕް މިއަދު ރާއްޖޭގައި ފަށާއިރު މީގެ ކުރިން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2008 ވަނަ އަހަރު ލަންކާއާއި ގުޅިގެންނެވެ. އެ މުބާރާތުގައި ލަންކާގައި އޮތް ފައިނަލް މެޗު އިންޑިއާގެ މައްޗަށް ކުރި ހޯދައިގެން ކާމިޔާބު ކުރީ ދިވެހި ގައުމީ ޓީމުންނެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖެއިން ވަނީ ދެވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތް ބާއްވާފައިވާއިރު އިންޑިއާއިން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ރާއްޖެއިން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އަފްޣާނިސްތާނާއި، ބަންގްލަދޭޝާއި، ސްރީލަންކާއިން އެއް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން