ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ކުޅުނު މެޗް ރާއްޖެ ބަލިކޮށް ނޭޕާލުން މެޗު ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު ސާފު ޗެމްޕިއަންޝިޕްގެ ދެވަނަ މެޗްގައި ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނޭޕާލުން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައި މެޗް ނިމެންދަނިކޮށް 86 ވަނަ މިނިޓުގައެެވެ. އެ ލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަނީޝް ޑަންގީ އެވެ.

ރާއްޖެއާއި ނޭޕާލާ ވާދަކުރި މެޗުގައި ފުރަތަމަ ހާފާއި ދެވަނަ ހާފުގައި ވެސް ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނިޓުގައި އޭރިއާ ބޭރުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ޝެމްޝޮންގް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 33 ވަނަ މިނިޓުގައި އަލީ އަސްފާގު، ދަގަނޑޭއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެެވެ. އެހެން ނަމަވެސް ނޭޕާލްގެ ކީޕަރު ހުޝިޔާރު ކަމާއެކު އަޝްފާގު ޖެހި ބޯޅަ ވަނީ ދިފާއުކޮށްފައެެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ފެށި މި މެޗު ބައްލަވާލައްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ގަލޮޅު ދަނޑަށް ވަޑައިގެންނެވިއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެފައިވާއިރު މި މުބާރާތުގައި ރާއްޖޭން ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލްދޭޝް ވަނީ ސްރީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން