ލާޒް ވިލްކްސް
ލާޒް ވިލްކްސް
ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ހަޖޫޖަހާ ކާޓުން ކުރެހި ލާޒް ވިލްކްސް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ސްވީޑެންއަށް ނިސްބަތްވާ ލާޒް ވިލްކްސް އަކީ 2007 ވަނަ އަހަރުގައި، ކީރިތި ރަސޫލާގެ ސޫރަފުޅު ކަމަށް ބުނެ، ކުއްތާއެއްގެ ހަށިގަނޑުގައި މޫނެއް ކުރެހި މީހެކެވެ. ކީރިތި ރަސޫލާގެ ސޫރަފުޅަށް ހަދޫޖަހައި ފުރައްސާރަކޮށްފައިވާތީ، ވިލްކްސްއަށް އެކި ފަރާތްތަކުން ވަނީ މަރުގެ އިންޒާރުތައް ވެސް ދީފައެވެ.

އެގޮތުން ވިލްކްސްއަށް ގިނަ އަދަދެއްގެ މަރުގެ އިންޒާރުތައް ލިބެމުންދާތީ، ސްވިޑެންގެ ފުލުހުން އަންނަނީ އޭނާއަށް ނުރައްކާ އޮތް ކަމަށް ބުނެ ރައްކާތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

ވިލްކްސް މަރުވެފައިވަނީ ފުލުހުންގެ ވެހިކަލްގައި އޭނާ ދަތުރު ކުރަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފުލުހުންގެ ވެހިކަލް ގޮސް ޓްރަކެއްގައި ޖެހިގެން ކަމަށް ވެސް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި އެކްސިޑެންޓްގައި ޓްރަކް ޑްރައިވަރަށް އަނިޔާވެފައިވާއިރު، ވިލްކްސްގެ އިތުރުން މި އެކްސިޑެންޓޫގައި ވަނީ ދެ ފުލުހަކު ވެސް މަރުވެފައެވެ.

މިކަމާ ގުޅިގެން ސްވީޑެންގެ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާ ކަމަށެވެ.

ފާޅުގައި އިސްލާމްދީނަށް ޖޯކު ޖަހާ، ކީރިތި ރަސޫލާއަށް ހަޖޫޖަހާފައިވާ ވިލްކްސް ވަނީ 2015 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން މީހަކު އެތަނަށް ވަދެ ވަނީ ބަޑިން އޭނާއަށް ހަމަލާ ދީފައެވެ. ނަމަވެސް އެހަމަލާއިން އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގިނަ ޖަމިއްޔާތަކުން އޭރުވެސް ދިޔައީ އޭނާއަށް މަރުގެ އެތައް އިންޒާރުތަކެއް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން