ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވީ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖެވެ.

މަޖިލީހަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރުވެސް ގެންދަވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް 6 މެއި ގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ކަމަށާއި، އެއީ ސެކިއުރިޓީ ބްރީޗްވެގެން ހިނގާފައިވާ ޙާދިސާއެއް ކަމަށެވެ. އަދި އެކަމަށް ފަސް މަސް ނުވަނީސް އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗް ވެފައިވާކަން މޫސާ ސިރާޖް ހުށައެޅި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭ ބިރުވެރި ކަމެއް ކަމަށާއި، އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްކަމުގައި ބުނެ ނިންމާލެވޭ ވަރަށްވުރެއް މިކަމުގެ ސީރިއަސްކަން ބޮޑުކަމަށް މައްސަލާގައިވެއެވެ. އެހެންކަމުން މިކަން ހިނގާފައިވާގޮތް ބެލުމަށް މިމައްސަލަ ހުށަހަޅާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް 28 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައިގެން، އެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތްކުރި މައްސަލައެއް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 7 ދުވަސް ދީފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވީ އެމީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ހާދިސާ އާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ޚާއްސަ ގެކޮޅެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން