ކުރީީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް
ކުރީީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް
މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަފާލާތުގެ ދަށުން ދޫނުކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގައެވެ. އިއްޔެގެ އަޑުއެހުމުގައި ދަޢުލަތުންވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާމެދު އިޢުތިރާޒް ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ނިންމަވާފައިވަނީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫނުކުރެވޭނެ ކަމަށާއި، މައްސަލަ ނިމެންދެން ރައީސް ޔާމީންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރެވެންވެސް ނެތްކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ ނިމެންދެން ރައީސް ޔާމީނަށް ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް މިއަދު ވަނީ ނެރެދީފައެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ، ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ ހައްގެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތް ކަމަށާއި، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި އެފަދަ ނިންމުންތައް ނިންމަނީ އެކަމަށް ޚާއްސަ ޤާނޫނުތައް ހަދައިގެން ކަމަށެވެ. ރާއްޖޭގައި ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭނެކަމަށް ޤާނޫނުގައި އޮންނަނީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ކުށް ސާބިތުވުމުގެ ކުރިން ކަމަށާއި، ގާނޫނެއް ނެތި ކޯޓަށް އަމިއްލައަށް އެނޫން ގޮތަކަށް ނުނިންމޭނެ ކަމަށެވެ.

ހަމައެއާއެކު މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ ހުކުމެއްގެ ބާރު ދަށްވާނެ ކަމެއް ނޫންކަމަށާއި، މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަކީ އަދަބު މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ސުޕްރީމްކޯޓުން މިއަދު ނިންމަވާފައިވެއެވެ. އެހެންކަމުން އިސްތިއުނާފްގެ އަޑުއެހުންތައް ނިމެންދެން ރައީސް ޔާމީންގެ ޙުކުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށްވެސް ކޯޓުން ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް މިއަދު ކޯޓުން ނެރެފައިވާއިރު، ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ހޯދަން ބަންޑާރަނާއިބުގެ އޮފީހުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ފައިސާ ނެގުމަށް ކުރާ ހުރިހާ ކަމެއް ސުޕްރީމް ކޯޓުން މި މައްސަލާގައި ހުކުމް ކުރަންދެން ފަސްކުރުމަށް އަމުރުކޮށްފަ އެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ފަރާތުން ދިފާޢީހެކިންގެ ގޮތުގައި ހުށައަޅާފައިވާ ކުރީގެ މަޖިލީސް ދެ މެންބަރުން ކަމަށްވާ މުޙައްމަދު އިސްމާޢީލް އާއި، މުޙައްމަދު ޝާހިދު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށްވެސް ސުޕްރީމްކޯޓުން މިއަދު ނިންމަވާފައިވެއެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ އެހެކިންނަކީ ކުރިންވެސް ދަށުކޯޓު މަރުޙަލާގައި ހުށައެޅޭނެ ހެކިންނަށް ވާތީ އެހެކިން ބަލައި ނުގަތުމަށް ނިންމަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ. ތިން ފަނޑިޔާރުންވެސް ނިންމެވީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމް ދަމަހައްޓާފައިވަނީ، 21 ޖެނުއަރީ 2021 ގައެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރުމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ވަނީ މަނީ ލޯންޑަރިންގެ އިތުރު ދަޢުވާއެއްވެސް އުފުލާފައެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާމައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުންތަށް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

އޭގެ އިތުރުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ. ރައީސް ޔާމީން މިވަގުތު ހުކުމް ތަންފީޒް ކުރަށްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން