ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ އަހުމަދުގެ މަރާ ގުޅުންހުރި އެންމެންގެ ބަޔާން ނަގައިފިއެވެ.

ރާއްޖޭގައި ސިއްޙީ ދާއިރާއާ ގުޅުންހުރި އިހުމާލުތައް އިތުރުވެފައިވާއިރު، ހެލްތު މިނިސްޓްރީން ބުނީ ސަދާގެ މަރުގެ މައްސަލައާ ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހު ފުވައްމުލަކަށް ގޮސް އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ސަދާގެ އާއިލާގެ ބަޔާން ނަގާފައި ކަމަށެވެ. އަދި ސަދާގެ ހުރިހާ މެޑިކަލް ޑޮކިއުމެންޓެއް ފޮނުވަން ފުވައްމުލަކު ހޮސްޕިޓަލަށް ވަނީ އަންގާފައެވެ.

ބަނޑަށް ތަދުވެ، ހޮޑުލެވޭތީ މި މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ސަދާ ނިޔާވެފައިވަނީ އެދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ސަދާއަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެއް ކަމަށާއި އެހެންވުމުން ވަރަށް ގިނަ ބޭސްތަކަށް އެލާޖިކްވާނެކަން ޑޮކްޓަރަށް އެނގެންވާނެ ކަމަށް ސަދާގެ ޢާއިލާއިން ވަނީ ބުނެފައެވެ.

ނަމަވެސް ސަދާ އެއްވެސް ބޭހަކަށް އެލާޖިކްތޯ ވެސް އެހީ ސިރިންޖް ކެނިއުލާއަށް ގުޅައި އިންޖެކްޝަން ޖެހި ފަހުން ކަމަށް އެކަމާގުޅިގެން ޢާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން ބުނެފައިވަނީ އިންޖެކްޝަން ޖެހިފަހުން ކުއްޖާގެ ބަލީގެ ހާލަތު ގޯސްވެ، ކުއްޖާގެ ހަރަކާތް ހުއްޓުނު ކަމަށެވެ. އަދި އެކަން ފޮރުވަން ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އާއިލާއިން ތުހުމަތުކުރެއެވެ.

ސަދާގެ މަރުގެެ މައްސަލަ ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެކަމުގައި އިހުމާލެއް އޮތްނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން